ގާނޫނުތަކާއި އުސޫލުތަށް ހެދިފައި ހުއްޓަސް އެ ގާނޫނުތަކާއި އުސޫލުތަށް ތަންފީޒު ކުރުމުގައި މައްސަލަތެއް އުޅޭކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ދާއިިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ ޖިންސީ ގޯނާ ހުއްޓުވަން މިއަދު ގަރާރެއް ހުށަހަޅައިފަ އެވެ. އެ ގަރާރަށް ކުރި ބަހުސްގައި އާޒިމް ވިދާޅުވީ ގާނޫނުތަކާއި އުސޫލުތައް ހެދިފައި ހުރި ނަމަވެސް އެ ކަންކަން ތަންފީޒު ކުރުމުގައި މައްސަލަަތަކެއް އުޅޭ ކަމަށާއި ޖިންސީ ގޯނާ ފަދަ މައްސަަލަތައް ހުށަހަޅަން މީހުން ފަސް ޖެހެނީ ވެސް އެހެންވެ ކަމަށެވެ. އަދި ހަމަ އެެހެންމެ ކަންކަން ނުވެގެން ވުޒާރާތަކުގެ އިސްވެރިންނަށް ގުޅައިގެން ކަންކަން ކުރުމުގެ ސަގާފަތެއް ދެމިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން އާޒިމް ވިދާޅުވީ، ޑޮކްޓަރަކަށް ދައްކާލަން ވީމައި، އެ ހޮސްޕިޓަލެއްގެ އެންމެ އިސް މީހާއާއި ގުޅައިގެން ޑޮކްޓަރަށް ދެއްކުުމުގެ ކަންތައް ހަމަޖެއްސެމުގެ ސަގާފަތެއް އޮންނަ ކަމަށެވެ. އަދި ވިދާޅުވީ އާސަންދަ ހޯދަން ވެސް ޖެހެނީ އާސަންދަ ކުންފުނީގެ އެންމެ މަތީ ވެރިޔާ ނޫނީ ސަރުކާރުގެ އިސް ފަރާތަކަށް ގުޅަން ކަމަށެވެ.
އާޒިމް ވިދާޅުވީ، އާއްމު ރައްޔިތު މީހާ ސަލާން ޖަހައިގެން ނޫނީ އަސާސީ ހިދުމަތް ހޯދެން ނެތް ކަމަށެވެ.
"މިސާލަކަށް އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދުމަށްފަހު ކޮޓަރިއެއް ހޯދާލަންވީމާ މި ޖެހެނީ އެތަނުގައި އިންނަ އެންމެ މަތީ މީހާއާ ގުޅައިގެން ކޮޓަރިއެއް ލިބޭތޯ ބަލަން. އާސަންދަ ހޯދަން ވެއްްޖިއްޔާ ކޮންމެވެސް މެމްބަރަަކަށް އާންމު ރައްޔިތަކު ގުޅައިގެން ނޫނިއްޔާ އެކަން ވާތަނެއް ނުފެނޭ. މިއީ މިއަދުގެ މި ސަރުކާރުގެ އޮތް ކަމެއް ނޫން... މިއީ ސަގާފަތް އަޅުގަނޑުމެންގެ ކަންކަން ހިނގަމުން އައިސްފައި އޮތް ގޮތް،" އާޒިމް ވިދާޅުވި އެވެ.
އެ ކަންކަން ރަނގަޅު ކޮށްގެން ނޫނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެ ކަަމަށާއި އަދި ޖިންސީ ގޯނާގެ މައްސަލަތައް ވެސް ހައްލެއް ނައިސްގެން އުޅެނީ ކޮންކޮން ފިޔަވަޅުތަކެއް ނާޅައިގެންތޯ ބެލުން މުހިންމުކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.