އެމްޑީޕީން ދައުވާކުރި ރައްޔިތުންގެ ޖީބަށް ލުއި ނިޒާމް ކަފުން ކޮށްފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސައިދިނުމުގެ ބިލު ސޯލިހު މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވަކި މީހަކާ ޖެހުމުން ޚަރަދު މުހިންމު އެމްޑީޕީއަކަށް ނުވި ކަމަށެވެ. އަބަދުވެސް ރައްޔިތުންގެ ޖީބަށް ލުއި ނިޒާމެއް ގެނައުމަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީން އެ ނިޒާމް ކަފުންކޮށް މިހާރު ވަޅުލާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މާދަމާ ޢާންމު މެންބަރަކަށް ކުރީގެ ރައީސަކު ހުންނަވަންޖެހިއްޖެނަމަ ގެކޮޅު ހަމަޖައްސަން ޖެހޭނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވާއިރު މިއަދު ވަނީ ދެ ބާރުގެ ވެރިންނަށް ސަރުކާރުން ގެކޮޅު ހަމަޖައްސައިދިނުމުގެ ބިލު ރައީސް ސޯލިހު ތަސްދީގުކުރައްވާފަ އެވެ.
މި ދެ އިސްލާހުގައި ވަނީ ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާއެކު، އެ ދެ ބޭފުޅުންނާއެކު ރަސްމީ ގެކޮޅުގައި ދިރިއުޅުއްވޭނެ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ވެސް ކަނޑައަޅާފަ އެވެ. އޭގެ އިތުރަށް އެ ގެކޮޅުތަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހަމަޖެއްސުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި އުއްތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅަކީ އެތަނުގައި ދައުލަތުގެ ފަރާތުން ހަމަޖައްސަންޖެހޭ ސަލާމަތީ ކަންކަން ހަމަޖެއްސޭ މިންވަރުގެ ގެކޮޅަކަށްވާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މިހާރު އިސްލާހަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ރަސްމީ މުވައްޒަފުން ސުޕްރީމް ކޯޓުން ހަމަޖައްސާ ގޮތަށް އަދި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ރަސްމީ މުވައްޒަފުން މަޖިލީހުން ހަމަޖައްސާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މި އިސްލާހުތައް ފާސްކޮށްފައި ވަނީ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.
ޙަމައެކަނި އަންނިއަށް ގެއެއް ހަމަ ޖައްސަން ނުކެރުނީ ރައްޔިތުން ބަވާނެ ވަރު ހިތަށް އަރާފަ. އެހެންވެ އުއްތަމަ ފަނޑިޔާރު ވެސް ހިމަނާލީ. ބަލަ އެ ރައީސަށް އެބަ ލިބޭނުން ދެލައްކަ އެއްހާ ރުފިޔާ ހުންނާނެ ތަނެއް ކުއްޔަށް ހިފަންވީނުން ރައްޔިތުންގެ ލާރި ކޮޅުގޮހޮރަށް ނުދީ .އަދި ހަމައެކަނި ގެއެއް ވެސް ނޫނޭ ހުރިހާ ޚަރަދެއް .