މާލޭގައި ހުރި އެންމެ ދުވަސް ވީ އަދި ތާރީޚީ ތަންތަނުގެ ތެރޭގައި ހިމެނޭ އެސްޖެހި ގެލެރީ ނުވަތަ ކުރީގެ ނަމުން ނަމަ، އެސްޖެހި ގަނޑުވަރުގެ އޮނިގަނޑު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގަނެ، ދެވަނަ ފިޔަވަހީގެ ހެރިޓޭޖް އައިލެންޑްގައި އަލުން ރާވަން ނިންމައިފި އެވެ.
ހުކުރު މިސްކިތް ކައިރީގައި މެދުޒިޔާރަތް މަގުގައި ހުންނަ އެސްޖެހި ގެލެރީގެ އޮނިގަނޑުގައި ހުރި ޒަމާންވީ ލަކުނޑީގެ ބާވަތްތަކާއި އެތަނުގައި ހުރި އެނޫން ވެސް ތަކެތި ވިއްކާލަން ވެރިފަރާތުން ބޭނުންވެގެން ނިންމުމުން އެޗްޑީސީ އެގޭގެ އޮނިގަނޑު ގަތީ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އަށް މިއަދު ވިދާޅުވީ އެސްޖެހިގެ ރޫޅާލުމުގެ މަސައްކަތް ފެށިތަނާ ކޮވިޑް ކަންތައްތައް ދިމާވެގެން މަސައްކަތް މިވަގުތު އޮތީ މެދުކެނޑިފައި ކަމަށެވެ.
"އެސްޖެހިގެ ރޫލަން ގެނެސް ފޭސް 2ގެ ހެރިޓޭޖް އައިލެންޑްގައި ރާވައި ހަދަން ޝެޑިއުލެއް ވެސް ހެދިން. މި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ހެރިޓޭޖް މިނިސްޓްރީ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ އެސްޖެހިގެ އޮނިގަނޑު ފަދަ ތަނެއް ހެރިޓޭޖް އައިލެންޑްގައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ އޮނިގަނޑު އަލުން ރާވާ ހުރި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޖެހި ގަނޑުވަރު ހަދާފައި ވަނީ ހުކުރު މިސްކިތުގެ މުންނާރު ހެދި ދުވަސްވަރު 1870ގެ އަހަރުތަކުގައި އެސްޖެހި ގަނޑުވަރު މާފަތް ކަލޭފާނެ އެވެ. އެތަން ނިސްބަތް ވަނީ ވެސް މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެ އެވެ.
އެކަލޭގެފާނަކީ ސުލްތާން އިމާދުއްދީން ހަވަނައިގެ ރަސްކަމުގެ ދުވަސްވަރު އުޅުއްވި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އާއިލާއާ ވެސް އެކަލޭގެފާނުގެ އާއިލާ ގުޅިފައިވެ އެވެ.
އެސްޖެހި ގެލެރީގެ ލަކުނޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ. އެ ގެ ހަދަން ބޭނުންކޮށްފައި ވަނީ އެ ދުވަސްވަރު ރާއްޖެއަށް އުރުނު ބައެއް ނައުފަހަރުތަކުގެ ލަކުޑި ބޭނުންކޮށްގެންނެވެ.
އެސްޖެހި ގެލެރީ މިހާރު ހިންގަނީ ކެފޭއެއްގެ ގޮތުގަ އެވެ.