ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ވެރި ފަރާތުން އެގްރީމެންޓްގައި ސޮއިކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްގެ އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގްރީމަންޓް އެ ކުންފުނީގެ ވެބް ސައިޓުގައި އާއްމު ކޮށްފައިވާއިރު، އެގްރީމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ހުރަވީ ސްކޫލުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވި ގޮތުގައި އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްދާނީ ޓަވަރުތަކުގެ ތަރުތީބުން ކަމަށާއި، އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ ކުރިން ފްލެޓްތަކުގެ ވެރިފަރާތައް ސޮއިކުރުން އޮންނާނެ ގަޑި އާއި ދުވަސް ކުރިން އަންގާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް ފޮނުވި ހުރިހާ ލިސްޓްތަކެއްގެ ގުރުއަތު ނެގުން މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ބަލަންޖެހޭ ކަންކަން ހުރި ބައެއް ފަރާތްތަކުގެ ގުރުއަތު ނެގުން ފަސްކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ ކުރިން ސުހައިލް ވިދާޅުވެފައިވަނީ މިއަދު ފެށިގެން ހިޔާ ފްލެޓް ލިބުނު މީހުންނަށް ފްލެޓް ބެލުމުގެ ފުރުސަތު ވަކި އުސޫލެއްގެ ދަށުން ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން އުސޫލެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، އެ ފަރާތެއްގެ އެޕާޓްމަންޓް ދައްކާލުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަން މިހާރު ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ސުހައިލް ވިދާޅުވީ ފްލެޓްގެ އެގްރީމެންޓްގައި ސޮއިކުރާ ދުވަހު ވެސް އެޕާޓްމަންޓްތަކުގެ ވެރިފަރާތަށް އެޗްޑީސީގެ އޮފިޝަލަކާއެކު އެތަންތަން ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި، ބެލުމަށްފަހު އިތުރަށް ކަމެއް ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރެވޭނަމަ، އެކަމަށް ޚާއްސަ ފޯމެއް ފުރުމުން އެކަންކަމަށް އެޓެންޑްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްލެޓްތައް ބަލަންދާއިރު، މިން ނަގަން ބޭނުންވާނަމަ އަމިއްލަ ފޫޓު ފީތާއެއް ހިފައިގެންދިއުމަށް ވެސް ސުހައިލް ވަނީ އެދިވަޑައިގެންފަ އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ ކަންކަން އަދި މުޅިން ނުނިމޭތީ، ސީދާ ތަޅުދަނޑި ޙަވާލުކުރާ ދުވަހު ފްލެޓްތަކަށް ބަދަލު ނުވެވިދާނެ ކަމަށް އޭނާ ވިދާޅުވެފަ އެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތްކުރަނީ ކަރަންޓު ގުޅުމުގެ ކަންކަން ވެސް އެގްރީމެންޓްތަކުގައި ސޮއިކުރަން ވާއިރަށް ނިންމުމަށް ކަމަށް ސުހައިލް ވިދާޅުވި އެވެ.
"ކަރަންޓުގެ ކަންކަން ނުނިމިދާނެތީ އަޅުގަނޑުމެން މިބަލަނީ ތަޅުދަނޑި ހަވާލުކުރިކަމުގައި ވިޔަސް އެބޭފުޅުންނަށް އެ އޮންނަ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލިބޫނީމައޭ އިނގޭތޯ. އެހެންވީމަ ކަރަންޓު ލިބެންދެން މަޑުނުކޮށް އަވަސްކުރުމުގެ ގޮތުން މިހެން މިހަދަނީ. އެހެންވީމަ އެހާތަނަށް ކަރަންޓު ނުލިބޭކަމަށްވާ ނަމަ އަޅުގަނޑުމެން ކުއްޔަކާނުލައި މި އިންނަ މުއްދަތު ގުނާނީ ކަރަންޓް ލިބުނީމަ. އެކަމަކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދަން އެހާތަނަށް ވެސް ކަރަންޓުގެ ކަންކަން ނިންމޭތޯ،" އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގެ އެގްރީމެންޓުގައި ސޮއިކުރާ ދުވަހު، އެއްވެސް ސަބަބަކާ ހެދި ސީދާ ފްލެޓް ލިބުނު ފަރާތަށް ހާޒިރުނުވެވޭ ނަމަ، ބަދަލުގައި މީހަކު ފޮނުވުމުގައި އަމަލުކުރާނެ އުސޫލު އެޗްޑީސީގެ ފަރާތުން ވަރަށް އަވަހަށް އާއްމުކުރައްވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގައި ސޮއިކުރުން ޖުލައި 14ގައި ފެށުމަށް ނިންމާފައިވާއިރު، އެ ތާރީޚުން ފެށިގެން 30 ދުވަހުގެ މި މަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.