މަޖިލިސް ރައީސަށް ގަނޑުވަރާއި ގެންގުޅޭ މީހުން ދައުލަތުން ހަމަޖެއްސުމަކީ ބަރުލަމާނީ ސިފައެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ޚާއްސަ ތަނެއް ދައުލަތުން ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
މަލީހުގެ ޓުވީޓްގައި އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގަނޑުވަރު ހަމަޖެއްސުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫންކަމަށެވެ. އަދި އެއީ މިހާރު ޢަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ޤާނޫނު އަސާސީގެ ރޫހާއިވެސް ޚިލާފުކަމެއް ކަމަށް މަލީހު ވިދާޅުވި އެވެ. މަޖިލިސް މެމްބަރުންނަށް ލިބޭ ލިވިންގ އެލަވަންސުން ދިރިއުޅޭނެ ތަނެއް ހަމަޖެއްސެންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެވަނީ ފާސްކޮށްފަ އެވެ.
މަޖިލިސް ރައީސްގެ އާއިލާގެ ގޮތުގައި ހިމަނައިފައި ވަނީ ރައީސާއެކު ދިރިއުޅޭ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންގެ އިތުރުން މަންމަ އާއި ބައްޕަ އެވެ. ނަމަވެސް ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންނާއި 18 އަހަރު ފުރުނަސް ކައިވެނި ނުކޮށް ތިބޭ ދަރިިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް ހިމެނޭގޮތަށް މަޖިލީހުގެ ރައީސަށް ކަނޑައަޅާ ގެކޮޅުގައި ދިރިއުޅެވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިއރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވައި ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފަ އެވެ.
އަދި އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނީ އެމްއެންޑީއެފް އިން ކަމަށްވެސް ވަނީ ބުނެފަ އެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިންނެވެ.