ގުޅިފަޅުގެ ޕްލޭނާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާތައްކުރުން ލަސްވާތީ ރައީސް އިބްރާހިމް ސޯލިހަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސިޓީއެއް ފޮނުއްވައިފި އެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ލިބޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ރިވައިސްކުރުމަށް ސިޓީ ކައުންސިލާއެކުގައި މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިތާ ހަތަރު ހަފްތާ ވެފައިވާއިރު ވެސް އަދިވެސް އެ މަޝްވަރާތައް ބޭއްވިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެކަމާ ގުޅިގެން ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުގައި ބަނދަރު ތަރައްގީ ކުރުމަށެވެ. އެހެން ނަމަވެސް މޭޔަރު ޑރ. މުއިއްޒު ވަނީ އެ ޕްލޭން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް ސޯލިހާއި މޭޔަރާ ވަނީ ބައްދަލުކޮށްފަ އެވެ.
އެބައްދަލުވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމެއް ކަމަށްވާއިރު އެކަން ކޮށްދޭން މާލޭގައި ބިމެއް ނެތް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުން އެކަނި ވެސް އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ރައީސަށް ދެންނެވި ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އެދެނީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ބަދަލު ކުރުން ކަމަށާއި އެކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ވާހަކަ ދެންނެވި ކަމަށެވެ.
މި ސަރުކާރުން ގުޅިފަޅުގައި ކުރިއަށް ގެންދަން ނިންމައިފައި އޮތް ބޮޑު މަޝްރޫޢުއަކަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވި ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.