ލަންޑަން (21 ޖޫން) - މީގެ ދެ އަހަރު ކުރިން ދުބާއީއިން ފިލި އެ ގައުމުގެ އަމީރުގެ ދަރިކަނބަލުން ޝެއިޚާ ލަތީފާގެ ފޮޓޮއެއް އާއްމު ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވި މި ފޮޓޯގައި އޭނާ ފެނިގެން ދަނީ ވަރަށް މިނިވަންކަމާއެކު ހަރަކާތްތެރިވަމުން އަންނަނިކޮށެވެ.

ބައްޕަ ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު ބިން އަލް މަޚްތޫމްގެ ހަރުކަށި އަމުރުތަކުން ފިލުމަށްޓަކައި ދުބާއީދޫކޮށް ދިޔަ ލަތީފާ ވަނީ 2018 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދުން ހިފަހައްޓާފަ އެވެ. އޭގެ ފަހުން ވަނީ ދަތުރު ނުކުރެވޭ ގޮތަށް އޭނާ ހިފަހައްޓާފަ އެވެ.

ލަތީފާ 35، މިނިވަން ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނިގޮތުގައި އޭނާގެ އަތުގައި ޕާސްޕޯޓެއް އެބައޮތް ކަމަށާއި ދަތުރުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަމަށެވެ. ލަތީފާގެ ފޮޓޯއެއް އާއްމުވިއިރު ހުރީ ދުބާއީ ސަރުކާރުން ހިންގާ ސްކޫލެއްގައި މަސައްކަތްކުރާ ސޮއޮން ޓޭލާ ކިޔާ އިނގިރޭސިވިލާތުގެ ޓީޗަރަކާއެކު މާސްކް އަޅައިގެން ބޮޑު ފޮއްޓަކާއެކު އެއާޕޯޓުގައި ހުއްޓަ އެވެ.

އެހެން މީހަކު ބުނެފައި ވަނީ އެ ފޮޓޯއަކީ ސްޕެއިންގެ މެޑްރިޑްގެ ބަރާޖަސް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެކެވެ. – ރޮއިޓާސް