ކާފިއު ވަގުތުގައި ބޭރުގައި އުޅޭ ފަރާތްތަކުގެ ފޯނު ނަންބަރު ހޯދަނީ ޖޫރިމާނާކުރަން ކަމަށް ފުލުހުން ބުނެފި އެވެ.
ކާފިއުގެ ވަގުތުގައި މަގުތައް ޕެޓްރޯލުކުރަމުންދާ ފުލުހުން ބައެއް އަންހެން ކުދިންގެ ޒާތީ މައުލޫމާތު ހޯދައި އެ ކުދިންގެ ފޯނު ނަންބަރު ދިނުމަށް އެދޭ ކަމުގެ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ފެތުރޭތީ އެކަމާ ގުޅިގެން ނޫސްވެރިން ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުގެ ފޯނު ނަމްބަރު ހޯދަނީ ޖޫރިމާނާ ކުރަން ޖެހިއްޖެނަމަ އެކަން ކުރަން ކަމަށް ފުލުހުން ބުންޏެވެ.
މިހާރު ކުރިއަށް ގެންދާ ލޮކްޑައުންގައި ފުލުހުން ގެންދަނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މަގުމަތިން ބައެއް މީހުން ހުއްޓުވާ ސުވާލުކުރަމުންނެވެ. އެގޮތުން ފުލުހުންގެ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައިކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮޅުންފިލުވަ އެވެ. އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި ފޯނަށް އެސްއެމްއެސް އެއް ފޮނުވުމަށް ފޯނު ނަންބަރު އަހަ އެވެ.
މީގެ އިތުރުން ކަމާ ނުގުޅޭ މައުލޫމާތެއް ސާފުކުރަން އިތުރު ސުވާލުކުރާނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުމުގެ ފުރުސަތު އޮންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.