ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް ބޭންކިން އެޕަށް ބަދަލުތަކެއް ގެނެސް، އިތުރު ފީޗާސްތަކާއެކު މިއަދު ތައާރަފްކޮށްފި އެވެ.
އެ އެޕްގައި އަލަށް ތައާރަފް ކުރެވުނު ފީޗާސްތަކުގެ ތެރޭގައި:
- ކުއިކް ޕޭ، ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފާކުރެވޭ ފަސޭހަ ގޮތެއް.
- ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ ގޮތް.
- ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް.
- ޕާސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓް ވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ.
- ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މައުލޫމާތު އަޕްޓޭޑްކުރުން.
- ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން.
ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އާ އެޕް މިއަދު ތައާރަފް ކުރެވުގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެ ބޭންކުގެ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލަށް ތައާރަފް ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަނެޓް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ހިދުމަތްތައް ހިމެނިގެންދާނެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާސްތައް ތައާރަފް ކުރެވިގެންދާނެ،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް އިން 2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިން ހިދުމަތް ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 ޕަސެންޓް ކަސްޓަމަރުން އޮންލައިން ބޭންކިންއަށް ރަޖިސްޓްރީ ކޮށްފައިވާއިރު މިދިޔަ އަހަރު 73 މިލިއަން އަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް މޯބައިލް ބޭންކިންގެ އާ އާ އެޕްލިކޭޝަން އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ އިން މިހާރު ޑައުންލޯޑްކުރެވޭނެ އެވެ.