ކުއަލަ ލަމްޕޫރު (13 ޖޫން) - މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރާއި ޕުތުރަޖާޔާގެ އާބާދީ މިއަހަރުގެ އޮގަސްޓް މަހު ކޮވިޑް -19ގެ ހާޑް އިމިއުނިޓީއަކަށް ދާނެ ކަމަށް ލަފާ ކުރެވޭކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

މިއީ އެ ގައުމުން ކުރިން ލަފާކުރި މުއްދަތަށް ވުރެ އަވަސް މުއްދަތެކެވެ. މި އަންދާޒާ ސަރުކާރުން އާއްމުކޮށްފައި ވަނީ، އެ ގައުމުގައި ވެކްސިން ދެވޭ މިންވަރަށް ބިނާކޮށް ނެރެފައިވާ އަންދާޒާ އަށެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހާ ހަމައަށް މެލޭޝިއާގެ އާބާދީގެ 13 ޕަސެންޓަށް ވެކްސިންގެ އެއްޑޯޒް ދެވޭނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ހެލްތު މިނިސްޓަރު އާދަމް ބާބާ ވިދާޅުވީ އާބާދީގައި އުޅޭ ބޮޑު މީހުންގެ ދެބައިކުޅަ އެއްބައި އެ ގައުމުގެ އިމިއުނައިޒޭޝަން ޕްރޮގްރާމަށް ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އެ ގައުމުގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އައުމާއެކު ސަރުކާރުން ވަނީ އާއްމު ހާލަތަށް ގައުމުގެ އިގްތިސާދާއި އެހެނިހެން ކަންތައްތައް ގެނައުމަށް ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.

މި ސިޔާސަތުތަކުގެ ދަށުން އެ ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިގްތިސާދު އަލުން ފަށައިގަތުމަށް މަރުހަލާތަކަކަށް ބަހާލެވިގެން ކުރިއަށް ދާނެ އެވެ.

ސީނިއާ މިނިސްޓަރު އިސްމާއިލް ސަބްރީ ވިދާޅުވީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 4،000 ން ދަށްވެއްޖެ ނަމަ، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވިގެންދާނެ ކަމަށެވެ.

މެލޭޝިއާގައި އާދިއްތަ ދުވަހު 5،304 ކޮވިޑް ކޭސް ފެނިފައިވާއިރު، އެ ބަލީގައި އެ ދުވަހު އިތުރު 64 މީހަކު މަރުވެފައިވެ އެވެ. --ދަ ސްޓްރެއިޓްސް ޓައިމްސް