ލޯފެޓް އަދި ފެޓް ފްރީއަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް އާއްމުކޮށް އިވޭ ބަސްތަކެކެވެ. ސިއްހަތަށް ބަލައިގެން އުޅޭ މީހުންނާއި ބަރުދަން ލުއިކުރުމުގެ އަމާޒަށް މަސައްކަތްކުރާ މީހުންގެ މެދުގައި މަގުބޫލް ކެއުމުގެ ބާވަތްތަކެކެވެ.
ނަމަވެސް މި ބަސްތަކުގެ މާނަ އަދި އެ ދެ ވައްތަރުގެ ބާވަތްތަކުގައި ހުރި ތަފާތު އެންގެނީ މަދު ބަޔަކަށެވެ. ރަނގަޅު ޑައިޓެއްގައި ކެއުމުގެ ބާވަތްތައް ހިމަނާއިރު ލޯފެޓް އާއި ފެޓް ފްރީ ކާތަކެތީގައި ހުންނަ ތަފާތުތައް ދެނެގެތުމަކީ ވަރަން މުހިންމު ކަމެކެވެ.
ފެޓް ފްރީ ކާނާގެ ގޮތުގައި ބެލެވޭނީ އެ ކެއުމެއްގެ ކޮންމެ ސާވިން އެއްގައި 0.5 ގްރާމަށް ވުރެ މަދުން ސަރުބީ ހިމެނޭ ކާތަކެއްޗެވެ.
ހަމަ އެގޮތަށް ލޯފެޓް ކާނާއަކީ އެ ކެއުމެއްގެ ކޮންމެ ސާވިން އެއްގައި ތިން ގްރާމަށްވުރެ މަދުން ސަރުބީ ހިމެނޭ ކާނާގެ ބާވަތް ތަކެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ދުވާލެއްގެ މައްޗަށް ބޮޑު މީހަކަށް ސަރުބީ ބޭނުންވަނީ 44-77 ގްރާމް އާ މެދެމުގެ މިންވަރަކަށެވެ.
ފެޓް ފްރީ ކާނާގެ ގޮތުގައި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގައި ސަރުބީގެ މިންވަރު މަދުވުމުގެ ސަބަބުން ރަހައަށް އޭގެ އަސަރު ކުރެ އެވެ. އެހެންކަމުން މީރު ރަހަ ގެނައުމަށް އާޓިފިޝަލް ހަކުރާއި ލޮނު ފަދަ ތަކެތި މި ކެއުންތަކުގައި ގިނަ އަދަދަކަށް ހުރެ އެވެ. އަދި މީގެ އިތުރުން މިފަދަ ކެއުންތަކަކީ އަވަހަށް ބަނޑު ފުރައިދޭ ކެއުންތަކަކަށް ނުވާތީ މި ކެއުންތައް މާގިނައިން ކެވޭތަން އާދެ އެވެ.
ސިއްހަތަށް ބަލާއިރު މުހިންމީ ލޯފެޓް ނުވަތަ ފެޓް ފްރީ ކެއުންތައް ކެއުމުގައި ހިމެނުމެއް ނޫނެވެ. މުހިއްމީ ސިއްހަތަށް ފައިދާހުރި އަދަދަކަށް ސަރުބީ ބޭނުން ކުރުމެވެ. އެގޮތުން ކަނޑު މަހާއި ކުކުޅު ފަދަ މަހުގެ ބާވަތްތަކާއި އޮލީވް އޮއިލް ފަދަ ބާވަތްތަކުން ލިބޭ ސަރުބީއަކީ ހަށިގަނޑަށް ރަނގަޅު ސަރުބީގެ ގޮތުގައި ބެލެވިދާނެ އެއްޗެކެވެ.
މި ސަބަބަށްޓަކައި ކެއިން ބުއިމަށް ބާޒާރުކުރާއިރު ލޯފެޓް ނުވަތަ ފެޓް ފްރީ ޕްރޮޑަކްޓްތައް ހޯދުމުގެ ބަދަލުގައި އެ ޕްރޮޑަކްޓްތަކުގެ ލޭބަލް ރަނގަޅަން ކިޔައި، ހަށިގަނޑަށް ބޭނުންވާ ރަނގަޅު މިންވަރަށް ސަރުބީ ބޭނުން ކުރުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.