ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) ތެރޭގައި ބައިބައި ވުމެއް އަދި ޕީޖީ ގްރޫޕުގައި ދެ ފެކްޝަނެއް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އެގޮތަށް ވިދާޅުވެފައި ވަނީ އެމްޑީޕީ ދެބައިވީ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީ އެކަހެރި ކޮށްގެން ސަރުކާރުން ވެރިކަން ހިންގަން އުޅުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ.
އެ ނޫހަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ތެރޭގައި އަބަދު ވެސް ހިޔާލުތަފާތުވާ މައްސަލަތައް ހުންނަ ކަމަށެވެ. އަދި އެއީ ހުއްޓުވޭނެ ކަމެއް ވެސް ނޫން ކަމަށާއި ހިޔާލު ތަފާތުވުންތައް ހުންނާނެ ކަން ގަބޫލު ވެސް ކުރަންޖެހޭނެ ކަމަށެވެ.
"އަބަދު ވެސް ހިޔާލު ތަފާތުވުން ހުރޭ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި. ނަމަވެސް އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންގެ ޕީޖީ ތެރޭގައި ދެ ފެކްޝަނެއް އޮތް ކަމަކަށް،" އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން މަޖިލީހުގެ ރައީސް އެކަހަރިކޮށްލާފައި މަސައްކަތް ކުރަމުންދާކަމަށް އެ ނޫހުން އާޒިމްއާ ސުވާލުކުރުމުން އޭނާ ވަނީ ޖަވާބު ދިނުމަށް ދެކޮޅު ހަދައިދަ އެވެ. އޭނާ ވިދާޅުވީ، އެ ވާހަކަފުޅު ދެއްކެވީ ޕާޓީގެ ޗެއާޕާސަން ކަމަށް ވާތީ އިދާރީ ގޮތުން އެކަމުގައި އެއްޗެއް ވިދާޅު ވާނީ ވެސް ޗެއާޕާސަން ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، ޕީޖީ އެކި މެންބަރުން ޝައުގުވެރިވާ އެކި މައްސަލަތަކާއި ބިލްތައް ހުރުމުން އެއް މެންބަރަކު އަނެއް މެންބަރަކާ ގުޅުއްވާ، ލޮބީ ކުރައްވާ ހައްދަވާ ކަމަށެވެ. ނަމަވެސް އެއްވެސް މެންބަރަކު އަނެއް މެންބަރަކަށް ގުޅުއްވާ "ބިރު ދައްކާ ނުވަތަ އިންޒާރު ނުދޭ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ތެރޭގައި ދެބައިވުން އުފެދި ދެ ފެކްޝަނެއް ނެތް ކަމަށް އާޒިމް ވިދާޅުވި ނަމަވެސް ޕީޖީ މެންބަރުން ގެންދަވަނީ ދެ ފެކްޝަނެއް ގޮތަށް އާންމުންނަށް ސިފަވާހާ ސާފުކޮށް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މީޑިއާގައި ރައްދު ދެއްވަމުންނެވެ. އަދި މަޖިލީހުގެ ބައެއް ކޮމިޓީ ތަކުގައި ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ މައްސަލަތަކުގައި ޕާޓީގެ ލީޑަޝިޕުން ބޭނުންވާ ގޮތާ ދެކޮޅަށް ވޯޓު ދެއްވަމުންނެވެ.