އަބޫދާބީ (03 ޖޫން) - ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވިޓަމިން- ޑީ ކެއުންތަކުގައި އިތުރު ކުރުމަށް އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ހެލްތު އިން އެ ސަރަހައްދުގެ ރައްޔިތުންނަށް ލަފާދީފި އެވެ.
އެމިރޭޓްސް ނިއުސް އެޖެންސީން ބުނާ ގޮތުގައި އެ ޑިޕާޓްމަންޓް ވިޓަމިން ޑީ އިތުރު ކުރުމަށް ލަފާ ދީފައިވަނީ އެންމެ ފަހުގެ ދިރާސާތަކަށް ބިނާކޮށް ކަމަށެވެ. އަބޫދާބީގެ އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާއަކީ އެ ސަރަހައްދުގެ މާހިރުން އިސްވެ ކުރި ދިރާސާއެކެވެ.
މި ދިރާސާގައިވާ ގޮތުން ހަށިގަނޑުގައި ވިޓަމިން ޑީ ހުންނަ މިންވަރާއި ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމާ ދެމެދު ސީދާ ގުޅުމެއްވެ އެވެ. މިކަމަށް ބާރުއަޅާ ހެކިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ.
މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ވެސް ހަށިގަނޑުގައި ވިޓަމިން ޑީ މަދު ވެއްޖެނަމަ ވައިރަލް އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާފައިވެ އެވެ.
މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން ހަށިގަނޑުގައި ވިޓަމިން ޑީ މަދު މީހުންގެ 59 ޕަސެންޓަށް ކޮވިޑްގެ އަލާމާތްތައް ވަރަށް ބޮޑަށް ފެނިފައިވެ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވެފައިވާ ނުވަތަ އިސްކޮޅާ އަޅާކިޔާއިރު ބަރުދަން އިތުރު މީހުންނެވެ. މިފަދަ މީހުންގެ ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުމަކީ ސިއްހީ ގޮތުން ބަލާއިރު ފެންނަން އޮތް ހެއްކެކެވެ.
މި ދިރާސާގެ ދަށުން އިތުރު ތަފްސީލީ ރިޕޯޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ ރިޕޯޓްތަކުން މި މައުޟޫއަށް އިތުރަށް އަލިއަޅުވާ ލެވިގެން ދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. -- އަލް އަރަބިއްޔާ
މިލިޔުމުގައި ވިޓަމިން ޑީ ހުންނަ އެއްޗިސް ބުނެދީފައެއްނެތް. ގޫގުލް ކޮށްލައިން ހޯދަންވީ ދޯ. ލިޔުން ފުރިހަމަވީސް ހިމަނާލިނަމަ