މާލޭ ސިޓީގެ މަގުމަތިން އަންހެނަކު ކިޑްނެޕް ކޮށްގެން ގޮސް ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް، އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލާގައި ދައުވާކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 28، ގެ މައްޗަށެވެ.
އާދަމް ވިޝާން އާއި އަލީ ރަޝީީދުގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:20 އެހާކަންހާއިރު މާފަންނު ލެމަންގްރާސް ހުންނަ މަގުން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އެ މީހުން ވަނީ މިދިޔަ ހަފުތާގައި ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލައިފައި ވަނީ ޕީޖީ އޮފީހުގެ އެދުމަކަށެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލަން އަމުރުކުރީ އެ މައްސަލައިގެ ތަހުގީގަށް ބަންދުގައި ބެއިތިއްބުމުގެ މުއްދަތު އިތުރުކުރަން ފަސް ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މީގެ ކުރިން ޕީޖީ އޮފީހުން ބުނެފައި ވަނީ އެ މީހުން ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު މައިގަނޑު ސަބަބަކީ ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ. އެކަމަކު އެ މައްސަލަ ބަލައިގަނެ، އެ މީހުންގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް އޮތްތޯ ބަލައި، ދަައުވާކުރަން ފޮނުވާނެ ކަމަށް ބުނެފައިވެ އެވެ.
ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި ޕީޖީ އޮފީހުން ކޯޓުގައި އެދިފައި ވަނީ އަންހެން މީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށްފަ އެވެ. އެ އަންހެން މީހާ ގަދަކަމުން ގެންދާ ވީޑިއޯގައި ފެންނަނީ އެ ދެ ފިރިހެނުންނާ އެކު ނުދާން އަންހެން މީހާ ގަދަދައްކަމުން ދަނިކޮށް އުފުލައިގެން ހަނި ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ.