ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގަ ޖެހި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާތީ އެ ވީޑިއޯގެ ހަގީގަތް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ސާފުކޮށް ސާފު ކޮށްދެއްވައިި އެވެ.
ކޮވިޑް ބަލި ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ހަވީރު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތްް ބަލި މީީހަކަށް އަނިޔާކުރީ އާއިލާގެ ފަރާތުން ހަމަޖެއްސާފައި ހުރި މީހެއް ކަމަށެވެ. އެއީ ބިދޭސީއެކެވެ. އަދި މިހާރު އެކަން އާއިލާއަށް އަންގައި އަނިޔާ ކުރި މީހާގެ މައްސަލަ ފުލުހުންނަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާއްމުވި ވީޑިއޯއިން ފެންނަނީ އުމުރުން ދުވަސްވެފައިވާ ބަލި މީހަކު ކަމަކާއި ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރަނިކޮށް އޭނާ ބަލަން އާއިލާއިން ފޮނުވާފައި ހުރި ބިދޭސީ މީހަކު އެ މީހާ ކަންފަތްމަތީ ޖަހާ މަންޒަރެވެ. އަދި އޭގެ ފަހުން އެނދު ކައިރިން ދުރަށް ވަކި ހިސާބަތަކަށް ގޮސް އަނެއްކާ ވެސް ބަލި މީހާ އާއި ދިމާލަށް އިނގިލި ދިއްކޮށް އިންޒާރު ދޭ މަންޒަރު ފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.