މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ހައްލެއް ހޯދަން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާ މިއަދު މަޝްވަރާކުރައްވައިފި އެވެ.
އެމްޑަބްލިޔުއެސްސީއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މޭޔަރު ޑރ. މުއިއްޒު މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މިހާރު މާލެގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަސްވަރާ ކުރައްވާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
މިހާރު މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު ސްޓޯމް ވޯޓާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ވަނީ ކޮށްފަ އެވެ.
ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލެ ސިޓީގެ ކަންތައްތައް އިތުރަށް ރަނގަޅު ކުރުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ޓްރާންސްޕޯޓުގެ ކަންކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލު ކުރައްވާފައި ވާއިރު މުއިއްޒު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ވެސް ބައްދަލު ކުރައްވާފަ އެވެ.
މީގެ އިތުރުން މެވްކޯގެ އިސްވެރިންނާއި އާރުޑީސީގެ އިސްވެރިންނާ ވެސް މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ.