މާދަމާ ރޭގެ ހަނދު ވަރަށް ޚާއްސަ ވާނެ އެވެ. އެ ރޭގެ ފުރިހަމަ ހަނދު އެތައް ގޮތަކުން ތަފާތު ވެސް ވާނެ އެވެ.

މިއަހަރުގެ ތެރޭގައި ފުލް މޫން، ނުވަތަ ފުރިހަމަ ހަނދު މިހާ ބޮޑުކޮށް ފެންނާނެ މަދު ރޭތަކުގެ ތެރޭގައި މާދަމާ ރޭ ވާނެ އެވެ.

މާދަމާ ރޭގެ ހަނދު ހުންނާނީ ދުނިޔޭގެ އިރާ އިދިކޮޅު ފަރާތުގަ އެވެ. މިހެންވުމުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅި ފުރިހަމަ ހަނދުކޭތައެއް ހިފާނެ އެވެ. މިހަނދުކޭތަ ހިފައިފައި ހުންނަ އިރު، މުޅި ހަނދުގެ ކުލަ ރީތި ރަތް ކުލަޔަކަށް ބަދަލު ވެގެން ދާނެ އެވެ. މި ހަނދަށް ނޭޓިވް އެމެރިކާ މީހުން ކިޔައި އުޅުނީ ފްލާވާ މޫން އެވެ. ސަބަބަކީ މެއި މަހަކީ އެމެރިކާއަށް މާ ފޮޅޭ ދުވަސްވަރު ކަމަށް ވާތީ އެވެ.

މިއަހަރު ފެންނާނެ އެހެން ފުރިހަމަ ހަނދު (ފުލް މޫން) ތަކާ ޚިލާފަށް މާދަމާ ރޭގެ ފްލާވާ މޫން ވާނީ ދުނިޔެއާ ހަނދު އެންމެ ގާތުން ފެންނަ ފަހަރަށެވެ. އެހެންކަމުން މާދަމާ ރޭގެ ހަނދު އާދަޔާ ޚިލާފު ބޮޑުކޮށް ފެންނާނެ އެވެ. އާންމު ގޮތެއްގައި ރަތް ޕްލަނެޓްގެ ނަމުން މާސްއަށް ނިސްބަތް ކުރެވެނީ އެ ޕްލަނެޓް ރައްކުލައިގައި ދުނިޔެއަށް ފެންނާތީ އެވެ.

މާދަމާ ރޭގެ ސުޕަ ފްލާވާ މޫންގައި ފުރިހަމަ ހަނދު ކޭތަ ހިފައިފައި ހުންނައިރު ދުނިޔެއަށް ހަނދު ފެންނާނީ ވެސް އެފަދަ ރަތް ކުލައަކަށެވެ. މިއީ މިފަދަ ގޮތަކަށް ފާއިތުވި ދެ އަހަރު ތެރޭގައި ހަނދު ފެންނަ ފުރަތަމަ ފަހަރެވެ.

މާދަމާ ރޭގެ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6.15 ގަ އެވެ. އެންމެ ފުރިހަމަޔަށް ކޭތަ ހިފައިފައި ހުންނާނީ 6.19 ގައެވެ. ނިމޭނީ 6.49 ގަ އެވެ.

ހަނދުކޭތަ ހިފުމާ ގުޅޭ އާދަކާދަތައް ތަފާތު ގޮތްގޮތަށް ދުނިޔެގައި އޮވެ އެވެ. އިންޑިޔާގެ ހިންދޫންގެ ބައެއް މީހުން ކޭތަ ހިފާފައި ހުންނަ ގަޑީގައި ކައި ބޮއި ނަހަދަ އެވެ.

ރާއްޖޭގައި ވެސް މިފަދަ ބައެއް އާދަކާދަތައް ހުރެއެވެ. މިގޮތުން ކުރީ ޒަމާނުގައި ހަނދުކޭތަ ހިފައިފައި ހުންނަ ގަޑީގައި ކުޑަކުދިންގެ ގައިގައި ފަތް ކޯނިން ތަޅާ ހަދަ އެވެ. އެކަމުން އެކުދިން ބަސްއަހާ ކުދިންނަށް ވާނެ ކަމަށް ހީކޮށެވެ. ހަނދުކޭތަ ހިފުމުން ދެ ރަކުއަތް ނަމާދެއް ކުރުމަކީ އިސްލާމް ދީނުގައި ސުންނަތް ވެގެންވާ ކަމެކެވެ.