އަލަށް ކައުންސިލަރުންގެ މަގާމަށް އިންތިހާބުވި ބޭފުޅުންގެ އަމާޒަކަށްވާންވީ ލާމަރުކަޒީ ނިޒާމުގެ ބޭނުން ހެޔޮގޮތުގައިހިފައި ރަށަށް ފާގަތިކަމާއި އުފާވެރިކަން ހޯދައިދިނުން ކަމަށް ވިދާޅުވެ ކައުންސިލަރުން މަސައްކަތް ކުރަންވީ ގޮތް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެދެއްވައިފި އެވެ.
މިއަދު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމަށް އަހުލުވެރި ކުރުމަށް ހިންގާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވަމުން އިމްރާން ވިދާޅުވީ، ސަރުކާރުން ވެރިކަމާއި ހަވާލުވީ ފެހި ގާނޫނު އަސާސީން ކަނޑައަޅާދީފައިވާ ލާމަރުކަޒީ ނިޒާމު ވިއްސި ވިހާލިވެ، އަނަރޫފަވެ ނެތިވެދާން ކައިރިވެފައިވާ އޮތް ވަގުތެއްގައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކަމެއް ދެއްވައިގެން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނެވި އިސްލާހަކީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެއްވި މުހިއްމު ކަމެއްގެ ގޮތުގައި އިމްރާން ސިފަކުރެއްވި އެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމައަތްތައް އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކައުންސިލަރުންގެ އަމާޒަކަށްވާން ވާނީ ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށް ދިނުން ކަމަށެވެ.
"ކައުންސިލަރުންގެ އަމާޒަކަށްވާންވީ ތިޔަބޭފުޅުން ހޮއްވަވައިދެއްވި ރައްޔިތުން އެދޭފަދަ، އުއްމީދުކުރާ ފަދަ ހިދުމަތްތަކެއް އެރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މިނިޒާމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ފާގަތިކަމާއި، އުފާވެރިކަން ހޯދައިދިނުން" އިމްރާން ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނާއި އިސްލާހާއެކު ބޭއްވި އިންތިހާބުގައި ރަށު ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު 1912 މެމްބަރުން ވަނީ ކައުންސިލްތަކަށް އިންތިހާބުކޮށްފައެވެ.
އަޅުގަނޑު ހީކުރީ އިމްރާހު އަކީ ވަރަށް ވަފާތެރި ހިންގުންތެރި މީހެއްކަމަށް އެކަމު ތިމަންނަ ސިޔާސީ ވަޟީފާއެއް ބޭނުމެއްނޫނޭ ވިދާޅުވެ ހޯމް މިނިސްޓަރު ކަމަށް ހަވާލުވެ ކުރެވުނު ކަމެއް ނިކަން ދައްކާބަލަ އެއިރުންތާ މީހުންނަށްވެސް އިމްރާނުގެ ވާހަކަ ޤަބޫލު ކުރެވޭނީވެސް
އިމްރާނުގެ ބަހެއް ޤަބޫލު ކުރާނެ ބަޔަކު ނެތް އިމާރާނު ހަވާލުވި ވުޒާރާގެ ޒިންމާ ފުރިހަމަޔަށް އަދާ ނުކުރެވޭ އަދި ކައުންސިލުގެ ޒިންމާ އަދާނުކުރެވޭތީ އެކަން ފާހަގަކޮށް އެލްޖީއޭ އަށް 2018 ވަނަ އަހަރު ފޮނުވި ސިޓީގެ ޖަވާބެއް ނުލިބުމުގެ އިތުރުން އެއިރު ދިމާވި މައްސަލަ އަދިވެސް ހައްލު ކޮށްދެވިފައި ނުވާއިރު އިމްރާނު އަށް އިރުޝާދު ނުދެވޭނެ ތީމާ ނިސްބަތްވާ އަދި ތިމާގެ ވަށަައިގެންވާ މީހުންގެ ކަންތައް ނުބެލި އަދި އެފަދަ މީސްމީހުންނަށް ވަފާތެރި ނުވާ މީހަކަށް ދެވޭނެ އިރުޝާދެއް ނެތް