ދެހާސް ފަނަރަ ވަނަ އަހަރު މުލީއާގެ ކައިރިން ފެނުނު ކަމަށް ބުނާ އައިއީޑީ އަކީ އަސްލު އެއްޗެއްކަމާ މެދު ސުވާލު އުފެދޭ ގިނަ ކަންތަންތަކެއް ހުރިކަން ސާބިތުވާތީ، މި އައިއީޑީ ބޭއްވި ކަމުގެ ކުށުގައި ޖަލަށްލި މީހުންގެ ތެރެއިން ތަލްއަތު މުހައްމަދުގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރިޔާސީ ލޯންޗު ކަމަށްވާ "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ހިނގި ކަންކަމުގެ ތެރޭގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގޭ ކައިރިން ފެނުނު އައިއީޑީ އެތަނުގެ ބޭއްވި މައްސަލާގައި ތަލްއަތަކީ 17 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް ކުރި އެވެ. އައިއީޑީ ބޭއްވިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ހުކުމުގައި އެކަކު 20 އަހަރަށް އަދި ތިން މީހަކު 17 އަހަރަށް ޖަލަށް ލާން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރި އެވެ.
ހޯމް މޭޑް އެކްޕޮލޯސިވް ނުވަތަ އަމިއްލައަށް ތައްުޔާރުކުރި ބޮމެއް މުލީއާގެ ކައިރީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި ބޭއްވި އުޅުނު މައްސަލާގައި ޖަލަށް ލާން ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ. މީގެ ތެރެއިން މަމްދޫހުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއިރު، ދެން ތިބި ތިން މީހުންނަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުން ކުށް ސާބިތުވިކަމަށް ކަނޑައެޅި މަމްދޫހު އިސްތިއުނާފު މަރުހަލާގައި ވަނީ ސަލާމަތްވެފަ އެވެ. އެކަމާ އިޝަރާތްތްކޮށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ތަލްއަތު ވިދާޅުވީ، އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާއަކީ މަމްދޫހުގެ މައްޗަށް ވެސް ކުރެވުނު ދައުވާ ކަމަށާއި، އެހެންކަމުން 17 އަހަރަށް ޖަލަށްލާން ކުރިހުކުމް ބާތިލްކުރަން ޖެހޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަޑުހެމުގައި ތަލްއަތު ބުނީ، އައިއީޑީއެއް ކަމަށް ބުނާ އެއްޗަކީ އަސްލު އެއްޗެއް ނޫން ކަމަށާއި އެއީ ކުޅޭކުޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ސިފައިންގެ ތެރެއިން ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ހާޒިރުކޮށް ނެގި ބަޔާންތަކަށް ފަހު ކޯޓުން ނިންމާފައި އޮތީ އެއީ އަސްލު އެއްޗެއް ކަމަށެވެ. އަދި އެއީ ގޮވުމުގެ ގާބިލްކަން ހުރި އެއްޗެއް ކަމަށެވެ.
މިއަދު ސްޕްރީމް ކޯޓުންބުނީ ދައުވާގެ ސީއާގައި ބުނާ ގޮތަށް، ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަކަށް ވާނީ އައިއީޑީ ކަމަށް ބުނާ އެއްޗަކީ އަސްލެއް ކަމަށް ވެގެން ކަމަށެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް، އެއީ ގޮވުމުގެ ގާބިލްކަން ހުރި އަސްލު އައިއީޑީއެއް ކަމަށް އެކްސްޕާޓުން ނިންމާފައި ވާތީ ސުޕްރީމް ކޯޓުން ވަނީ އެކްސްޕާޓުންނަކީ ކޮބައިކަމާއި އެ މީހުންގެ ހެކި ބަސް ޝަރީއަތަށް ބަލައިގަތުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކޮށްފަ އެވެ.
ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ބެހޭ ގޮތުން އެކްސްޕާޓް ދެއްކި ވާހަކަތަކާ ބެހޭ ގޮތުން ހުކުމުގައި ބުނީ އެކްސްޕާޓް އޮޕީނިއަން ރިޕޯޓުގައި އެ އައިއީޑީގައި ބޭނުންކޮށްފައިވާ ސްވިޗާ ބެހޭ ވާހަކަތާއި އެކްސްޕާޓަކަށް ހާޒިރުކުރި އަދި ރިޕޯޓްގައި ސޮއިކޮށްފައި އޮތް ވޮރަންޓް އޮފިސަރު އަހްމަދު ހަލީލް ދެއްކި ވާހަކަ ދިމާނުވާ ކަމަށެވެ. އެ ރިޕޯޓްގައި އަހްމަދު ހަލީލް ސޮއިކޮށްފައި އޮތަސް ރިޕޯޓް ތައްޔާރުކުރީ އެހެން ބަޔަކު އެވެ.
އައިއީޑީއެއްގައި އެންމެ މުހިންމު އެއްޗަކީ މަދަބޯޑެއް ކަމަށް އެކްސްޕާޓް އޮޕީނިއަން ރިޕޯޓްގައި އޮތަސް އަހްމަދު ހަލީމް ބުނެފައި ވަނީ އައިއީޑީ ހަދާފައި އޮތީ ރިމޯޓުން ގޮއްވާލެވޭ ގޮތަށް ކަމަށާއި އެހެންވެ މަދަބޯޑަކީ ކޮންމެ އައިއީޑީއަކަށް އަސާސީ އެއްޗެއް ނޫން ކަމަށެވެ. އަދި އޭގައި ބޭނުންކޮށްފައިވާ ގޭސް ޓިއުބްގައި ހުރީ ކޯއްޗެއްކަން ވެސް ދިރާސާކޮށްފައި ނުވާ ކަމަށް އެކްސްޕާޓް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން
މެއިންޗާޖަކަށް ބޭނުންކޮށްފައި އޮތް ކަމަށް ބުނާ ސްޓިކް ޑައިނަމައިޓަކީ އަސްލު އެއްޗެއް ކަމަށް އެކްސްޕާޓް އޮޕީނިއަންގައި ނިންމާފައި އޮތީ ލޭބަަލަކަށް ބަލައިގެން ކަމަށާއި އެކަން އިތުރަށް ބަލާފައި ނުވާކަން ވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ. ބޭނުންކޮށްފައި އޮތް ސްޓިކް ޑައިނަމައިޓަކީ ސިފައިންގެ ތަމްރީންތަކުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށް އެކްސްޕާޓް ބުނެފައި ވާއިރު ދައުވާ ލިބުނު މީހުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށް މިކަމުން ލިބޭ ބާރަށް ޝަރީއަތުން ބަލާފައި ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.
އެއީ އެ ކަމަކީ "ސިފައިންގެ އިސް ވެރިން ކުޅުވި ޑްރާމާއެއް" ކަމަށް، މައްސަލާގައި ދައުވާ ލިބުނު މީހުން ކޯޓުގައި ބުނަމުން ގޮސްފައިވުމުން ކަމަށް ހުކުމުގައިވެ އެވެ. އައިއީޑީ ކަމަށް ބުނާ އެތި ބޭއްވީ ސިފައިންގެ ތެރެއިން ބަޔަކު ބުނެގެން ކަމަށްވާ ނަމަ، އަދި ބޭނުންކޮށްފައިވަނީ ސިފައިންގޭގައި ގެންގުޅޭ ފާޑުގެ ސްޓިކް ޑައިނަމައިޓެއް ކަމަށް ބުނާ ބުނުން އިތުރަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް މިއަދުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ހުކުމުގައި އެހެންކަންކަން ފާހަގަ ކުރަމުން ބުނީ، އައިއީޑީ ކަމަށް ބުނާ އެތި ގޮވައިފި ނަމަ ލިބޭނެ ގެއްލުމެއް ވަޒަންކުރި ގޮތެއް ވެސް ނޭނގޭ ކަމަށާއި އައިއީޑީ ނައްތާލުމުގައި އަމަލުކުރި ގޮތެއް ވެސް ލިޔެކިޔުމެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. ސިފައިން ބުނެފައިވާ ގޮތުގައި އެ އައިއީޑީ ގޮއްވާލައިފި ނަމަ 60 ވަރަކަށް ފޫޓަށް އޭގެ އަސަރު ފޯރާނެ އެވެ. ނަމަވެސް ހުކުމުގައި ބުނީ ބޮޑު ގެއްލުމެއް ވެދާނެ އެއްޗެއް ކަމަށް ބުނި ނަމަވެސް އައިއީޑީ ކަމަށް ބުނާ އެތި ބާއްވާފައި އޮތް ހިސާބުގައި އުޅޭ އާންމުން ދުރަށް ގެންދިއުމާއި ޕާކްކޮށްފައި ހުރި ވެހިކަލްތައް ދުރަށް ގެންދިއުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
ކޯޓަށް ހުށަހަޅާފައިވާ ވީޑިއޯތަކަށް ބަލާއިރު، އައިއީޑީ ކަމަށް ބުނާ އެތި، ޕިކަޕްގެ ތެޔޮ ޓޭންކް މަތިން ނަގަނީ ހަމައެކަނި އަތަށް އަންގިއެއް ލައްވައިގެން ކަމަށާއި "ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި އެއްޗެއް ނަގާފައި ބާއްވާހެން" އެ ބަލައިލައިފައި ބާއްވާތަން ފެންނަކަން ވެސް ފާހަގަކުރި އެވެ. މިއީ ނުރައްކާ އައިއީޑީއެއް ކަމަށް ބުނާ ނަމަ އެއާ މެދު އަމަލުކުރި ގޮތުން ހުކުމުގައި އެކަމަށް ވަނީ ސުވާލު އުފައްދައިފަ އެވެ.
މުލިއާގެ ކައިރިން ފެނުނު އައިއީޑީ ގެންގޮސް ގިރިފުށީގައި ގޮއްވާލި އިރުގެ ވީޑިއޯ ކަމަށް ބުނާ ވީޑިއޯ އިން ކުޑަ ގޮވުމެއް ފެންނަ ކަމަށާއި އެ ގޮވި ތަން ކަމަށް ބުނެ ދައްކާ ތަނުގެ ބިންމަތީގައި ހުރި ރަބަރު ޕެކެޓްތަކާއި އެހެން އެއްޗެހި ވެސް ހަމަ އެ ހުރި ގޮތަށް ހުރިކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.