އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް މަތިންދާބޯޓެއް ދީފި އެވެ.
އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި މިހާރު ވެސް އޮޕަރޭޓް ކުރަމުންދާ އިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގައެވެ. ސ. ގަން އެއާޕޯޓުގައި އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނައިރު، ފަހުން ގެނައި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގަ އެވެ.
ރާއްޖެ އަށް ޑޯނިއާގެ މަތިންދާބޯޓެއް އިންޑިއާ އިން ހަދިޔާ ކުރާ ކަން ފުރަތަމަ އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެކަމަކު، އެވެރިކަން ނިމުނު އިރު ވެސް މަތިންދާބޯޓު ރާއްޖެ ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން އިންޑިއާ އިން ދިން ބޯޓަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ބޯޓެކެވެ.
މި މަތިންދާ ބޯޓު ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގަ އެވެ. އަދި މީހުން ސަލާމަތް ކުރުމާއި މީހުން އުފުލުމުގައި ވެސް ބޯޓު ބޭނުން ކުރާނެ އެވެ. އިންޑިއާ އިން ދީފައި އޮންނަ ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން މިހާތަނަށް އައިއިރު، 250 އަށް ވުރެ ގިނަ ބަލި މީހުން އުފުލާފައިވެ އެވެ. ހެލިކޮޕްޓަރުގެ ސަބަބުން ހާލު ބޮޑު މީހުން ވީހާވެސް އަވަހަށް މާލެ ގެނައުމަށް އެހީތެރިކަން ލިބެ އެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ މަތިންދާބޯޓު އޮޕަރޭޓް ކުރަމުންދާނީ ދިވެހި ސިފައިން ކަމަށާއި ބޯޓު ދުއްވުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދިވެހި ޕައިލެޓުން ތަމްރީންކޮށްފައިވާނެ ކަމަށެވެ. އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި ޑޯނިއާ މަތިންދާ ބޯޓު އޮތަސް، އެއަށް ހިނގާ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ޑޯނިއާ މަތިންދާބޯޓުގެ އެކި ކަންކަމަށް ދިވެހި ހަތް މީހަކު ތަމްރީންކޮށްފައިވެމއެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި އެއާ އޮބްޒާވަރުންނާއި އިންޖިނިއަރުންގެ ގޮތުގައި ތަމްރީން ކުރި ދިވެހިން ހިމެނެ އެވެ.
އަވަށްޓެރި އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓެއް ދާދި ފަހުން ރާއްޖެ އައިސްފައިވެ އެވެ. ޑޯނިއާ-228 މަރުކާގެ ދެ މަތިންދާ ބޯޓު އައީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލި އެވެ.