އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ފައިސާގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު ޖެހިފައިވުމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ފުވައްމަލުކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިންގާ ޖިނާއީ ތަހުގީގު ލަސް ވަމުންދާ މައްސަަލަ ބަލައި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން އެކުލަވާލި ތަހުގީގީ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން ހުސައިން ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރު ފަދަ ފަރާތްތަކެއް ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެން ތިއްބަވާ ބޭފުޅުންގެ ނަންތައް ހިޔާނާތުގެ ރިޕޯޓްތަކުގައި ހިމޭނެ ނަމަ މަޖިލީހުން އެކަމާމެދު ދެކޭ ގޮތަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.
ހުސެއިން އިތުރަށް ވިދާޅުވީ، އެފަދަ ހާލަތެއްގައި މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެ މަގާމުން ވަކި ކުރާނީ ޕާޓީންތޯ ނޫނީ އިސްތިއުފާ ދޭން މަޖިލީހުން ސިޓީއެއް ދޭނީތޯ އެއީ ވެސް މިހާރު އޮތް ބަހުސެއް ކަމަށާއި މަޖިލީހުން މިފަދަ ރިޕޯޓެއް ފާސް ވެގެން ދާއިރު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެ ބޭފުޅުންގެ ނަން ލިސްޓްގައި އޮވެފައި އެހެން ބޭފުޅުން އިސްތިއުފާ ދޭން ގޮވާލައްވާ ކަމަށް ވާނަމަ އެއީ އެންމެ ހަމަޖެހޭ ކަމަކަކަށް ނުވާނެ ކަމަށެވެ. އެފަދަ ލީޑަރުން ވެސް އިސްތިއުފާ ދެއްވަން ޖެހި ވަޑައިގަންނަވާނެ ކަމަށް ހުސެއިން ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެބޭފުޅުން އިސްތިއުފާ ދެއްވަން އަޅުގަނޑު ގޮވާލަން އަދި ސަރުކާރުގައި ތިއްބެވި އެފަދަ ފަރާތްތަކައް ވެސް އެ ބޭފުޅުންނަށް އޮތް ތުހުމަތުތައް ސާބިތުވެ ކޯޓަކުން ހުކުމް ކުރަންދެން ވަޒީފާގައި ތިއްބަވަން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ރައްޔިތުން ގަބޫލު ކުރޭ އެފަދަ ފަރާތްތަކުގެ މައްސަލަތައް ފެންމަތި ވެއްޖެ ކަމަށް، އަދި ރައްޔިތުންގެ އިތުބާރެއް ވެސް ނެތް އެފަރާތް ތަކަކަށް" ހުސައިން ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ހުސައިން ނިސްބަތް ވެޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ. މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ އަހުމަދު ސަލީމެވެ.
މީގެ އިތުރުން ހިޔާނާތުގެ ރިޕޯޓްގައިވާއި އަދަދެއް ހަމަވާ ގޮތަށް ބަޔަކު ހިމަނައިގެން ވާހަކަ ދެއްކުމަކީ އެއީ ސުވާލުތައް އޮތް ކަމެއް ކަމަށާއި ލިސްޓުގައި ނުހިމެނި މަންފާ ހޯދި މީހުނާއި އެކަމަށް މަސައްކަތްކޮށް މަގުފަހި ކޮށްދިން މީހުންގެ މައްޗަށް ވެސް ދައުވާ ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮބާ ލިސްޓުން އުނިކުރި މީހުންތައް އެމީހުންވެސް ޖެހޭނެ ވަކިކުރަން