މާލެ ކައިރީގައި އޮންނަ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށް އެކަން އާއްމުކޮށް އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން މާލެ ސިޓީ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.
ގުޅީފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަށް ހިންގުމުގެ މަސައްކަތް ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ކުރި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅީފަޅުގައި ފްލެޓުތަކެއް އެޅި ކަމުގައި ވިޔަސް އެ ފްލެޓުތަކުގައި މީހުން އަދި ދިރިއުޅެން ނުފަށަ އެވެ.
ހަމައާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގުޅިފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ވަނީ ނިންމާފަ އެވެ. އެގޮތުން ގުޅިފަޅާއި އެ ސަރަހައްދުން އިތުރު ފަޅެއް ހިއްކައި 18 އަހަރުވާ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނޫނީ ފްލެޓެއް އެ ސަރަހައްދުން ޔާމީންގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމަށް ވަޑައިގެން އެ ޕްލޭން ބަދަލުކޮށް ގުޅިފަޅުގައި ޕޯޓެއް ހެދުމަށް ނިންމިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ކުރިއަށް ގެންދަން ޖެހޭނީ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކަމަށާއި ރައްޔިތުން މިހާރުގެ ކައުންސިލަށް ވޯޓު ދެއްވީވެސް އެ މެންޑޭޓާއި އެކުގައި ކަމަށެވެ. އަދި އެހެން ކަމުން އެކަމާއި ގުޅޭގޮތުން ރައީސް ސޯލިހް އާއި ބައްދަލުކޮށް ރައްޔިތުންގެ ފަރާތުން އެކަން ހުށަހަޅުއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ.މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި އެއްވެސް އޮޕްޝަނެއް ދޫކޮށް ނުލައްވާނެ ކަމަށާއި އެކަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މިހާރު ކައުންސިލުން ވަނީ ނިންމާފައިކަމަށެވެ.