ކުއަލަ ލަމްޕޫރު (17 މެއި)- މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ރިޔާޒުއްދީން އަލް މުސްތަފާ ބިއްލާހް ޝާހް އާއި އަނބިކަނބަލުން ރާނީ ހާޖާ އަޒީޒާ އާމިނާ މައިމޫނާ އިސްކަންދަރިއްޔާ ފަލަސްތީނުގެ ސަލާމަތަށްޓަކައި ހާޖަތުގެ ނަމާދެއް ކުރައްވައިފި އެވެ.

މި ނަމާދަށްޓަކައި ރަދުންނާއި ރާނީ މިސްކިތަށް ވަޑައިގަތީ މިރޭ 7:30 ގައި ޝާހީ ގަނޑުވަރުކޮޅުގެ އެހެން އޮފިޝަލުންނާ އެކުގަ އެވެ.

މިރޭގެ މަޣްރިބް ނަމާދުގެ ޖަމާއަތަށްފަހު ކުރެއްވި މި ނަމާދު އިމާމުވެ ކޮށްދެއްވީ އިސްތާނާ ނިގާރާ މިސްކިތުގެ އެސިސްޓަންޓް ރިލިޖަސް އޮފިސަރު މުހައްމަދު ޒުހައިރީ މުހައްމަދު ޔާތިމް އެވެ. މި ނަމާދުގައި ރަދުންނާއި ރަނިންގެ އިތުރުން ޝާހީ ގަނޑުވަރުގެ އޮފިޝަލުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް 40 މައުމޫމުން ބައިވެރިވި އެވެ.

މި ނަމާދު ކުރިއަށް ދިޔައީ އެ ގައުމުގެ މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖާސް އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެގޮތުން ނަމާދުގެ ތެރޭގައި މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރު ކުރުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެކުރިން ރަސްގެފާނު އަބްދުﷲ ވަނީ މެލޭޝިއާގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކަށާއި ގޭގައި ނަމާދުކުރާ މީހުންނަށް ވެސް ޙާޖަތު ނަމާދުކޮށް ﷲގެ ރަޙްމަތަށް އެދި ދުއާކުރަން އަންގަވާފަ އެވެ.

ޙާޖަތު ނަމާދަކީ އިންސާނުންގެ ތެރޭގައި މުސީބާތްތައް އާއްމުވެއްޖެ ހާލަތެއްގައި އެކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދެންނެވުމަށް ކުރާ ނަމާދެކެވެ. -- މެލޭ މެއިލް