ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިއަށް އޮތް ދައުރަށް އިންތިހާބުކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން ހުވާކުރުން ހުއްޓުވަން ހައިކޯޓުން ހުކުމްކޮށްފި އެވެ.

މިއަދުު ހައިކޯޓުން އަމަރު ނެރުނީ އިންތިހާބުގައި ފަތުހުﷲ އާއި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުގެ ފަރާތުން ކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާ ބެލުމަށްފަހު އެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިރުޝާދުގެ މައްޗަށް ފަތުހުﷲ ކުރި ހޯދީ އެންމެ ވޯޓަކުންނެވެ. ހައިކޯޓުން މީގެ ކުރިން ވަނީ ގއ. ކޮނޑޭ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ވެސް ހުއްޓުވާފަ އެވެ.

ހައިކޯޓުން ނެރެފައިވާ އަމުރުގައި ބުނީ، އިންތިހާބީ ޝަކުވާއާ މެދު ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން މަގާމުގެ ހުވާކޮށްފި ނަމަ މައްސަލަ ހުށަހެޅި ފަރާތުގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ.

އިތުރު ރަށްތަކެއްގެ އިންތިހާބީ ޝަކުވާތަކެއް ވެސް ހައިކޯޓަށް ހުށަހަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ ށ. ބިލަތްފަހި، ކ. ތުލުސްދޫ، ތ. ކަނޑޫދޫ އަދި ލ. މާބައިދޫއާ ގުޅޭ ޝަކުވާތަކެކެވެ. އިންތިހާބީ ޝަކުވާތަކަށް ހައިކޯޓަށް ހުށަހެޅެނީ އެ ޝަކުވާއަކާ މެދު އިލެކްޝަންސް ކޮމިޝަނުން ލިޔުމުން ދޭ ޖަވާބަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެވެ.

އިންތިހާބީ ބައެއް ޝަކުވާތަކާ މެދު ހައިކޯޓުން ވަކިގޮތެއް ނިންމާފައި ނުވާއިރު އަލަށް އިންތިހާބުވި ކައުންސިލަރުން މާދަމާ ހުވާކުރާނެ އެވެ