އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަކީ މިސަރުކާރުން ކުރިއަށް ގެންދާ ސިޔާސީ ޑްރާމާއަކަށް ވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދާނެ ކަމަށް ބުނެ ވެރިކަމަށް އައި މިސަރުކާރަށް ތިން އަހަރުވާ ކައިރި ވެފައިވާއިރު ވެސް އެ ފައިސާ ހޯދޭ ގޮތެއް ވަނީ ނުވެފަ އެވެ. އެ ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް ހަދާފަ އެވެ.
ނަމަވެސް އެ ކޮމިޝަނަށް ވެސް މާ ބޮޑެތި ކަންކަންތަކެއް ކުރިވިފައިނެތްއިރު މިހާރު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ލިސްޓް މަޖިލީހުން ވަނީ އާންމު ކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ކޮންޓްރޯލް އޮތް މަޖިލީހާއި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓަށް ބޮޑުންގެ ނަންތައް އުނި އިތުރުވާކަން ކަށަވަރުވެފައިވާ ކަމަށާއި އެ ބޮޑު ޚިޔާނާތް ފަސްއަޅައި ފޮރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. އަދި މި ހިޔާނާތް ތަހުގީގުކުރަން އެކުލަވާލާފައިވާ ކޮމިޝަނަށް އިތުބާރު ކުރާނެ ބަޔަކު މިހާރަކު ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް ކުރެވޭ ތުހުމަތުތައް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް ތަހުގީގު ނުކުރެއްވޭނެ ކަން ކަށަވަރު ކަމަށެވެ.
މުޅިން އައު ތަހުގީގު ޓީމެއް އެކުލަވައިލަންޖެހޭ ކަން ފާހަގަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށް ގެންދާ ތަހުގީގަކީ ސިޔާސީ ސަރަކަރާތެއް ކަމަށެވެ. އަދި ސަރުކާރާއި ޕީޖީއާއެކު ހެދި އެއްބަސްވުންތަކެއްގެ ދަށުން ހަގީގީ މުޖުރިމުން ތިބީ ގޭގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރަށް ލީކުވި ލިސްޓުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނަށް 700 މިލިއަން ރުފިޔާ ދިން ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް އޮތުމުން، އެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ނުކުރަނީ ކީއްވެތޯ ވެސް ޑރ. ޖަމީލު ސުވާލުކުރެއްވި އެވެ. އަދި އެ ފައިސާއަކީ ކިހިނެއް ދިން ފައިސާއެއްތޯ ވެސް އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދުމަށް މިހާތަނަށް މި ސަރުކާރުން ކުރީ ކީއްތޯ ވެސް ޑރ. ޖަމީލު ވަނީ ސުވާލުކުރައްވާފަ އެވެ.
ޖަމީޅް ގެ ވާހަކައިގަ ވެސް ކޮންމެވެސް ވަރެއްގެ ހަގީގަތެއްވޭ. 1. ރައީސް ސޯލިހް ކޮމިޝަން އުފެއްދީ ހެޔޮ ނިޔަތުގައި މި ފައިސާ ހޯދުމުގެ މަތިވެރި މަގްސަދުގައި. އެކަމަކު އެތަނަށް ލެވުނީކީ މިކަމަށް ކުފޫ ހަމަވާ އަދި ނަޒާހަތްތެރި ބައަކަށް ނޫންކަމުން 3 އަހަރުވީ އިރު ވެސް އެންމެ ފައިސާ ފޮއްޗެއްވެސް ނުހޯދުނު. ކޮމިޝަންގެ އިސްކޮށް ހުރި މީހާއަކީ ކޮރަޕްޝަންގެ މައްސަލަ އެއްގައި ޝަރީއަތަށް ފޮނުވާ ހިސާބުގައި އޮތްވާ އެ މައްސަލަ މި ސަރުކާރުގެ ޕީޖީ އޮތްބާލި މައްސަލަ އޮތްމީހެއް. އެހެންވީމާ ފެއިލް ވީ.