ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ފުރަތަމަ ފަހަރަށް 21.65 ރުފިޔާއަށް އަރައިފި އެވެ.
މީގެ ހަފުތާއެއް ކުރިން ކަޅު ބާޒާރުގައި 21.45 ރުފިޔާއަށް ޑޮލަރެއް ލިބެން ހުރި ނަމަވެސް، މި ހަފުތާ ފެށުނުއިރު އަގަށް އައި 20 ލާރީގެ އިތުރުވުމާއެކު މިހާރު އެންމެ އަގުހެޔޮކޮށް ވެސް ޑޮލަރެއް ގަންނަން ލިބެނީ 21.65 ރުފިޔާއަށެވެ. އަދި ބޭރު ފައިސާ މާރުކުރާ ވިޔަފާރިތަކުން ވެސް ދަނީ 21.45 ރުފިޔާގެ ބޮޑު ރޭޓެއްގައި ޑޮލަރު ގަންނަމުންނެވެ.
އިމްޕޯޓް ކުރާ މުދަލަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން ވެސް އަންނަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބޭންކުތައް މެދުވެރިކޮށް ޓީޓީ ހެދުމަށްވެސް މިފަދަ ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މުދަލުގެ އަގުތައް އުފުލިގެންދާނެ ކަމުގެ އިންޒާރު ވިޔަފާރިވެރިން ދެ އެވެ.
ޑޮލަރުގެ އަގު މިހާ ތާރީހީ މިންވަރަކަށް މައްޗަށް ގޮސްފައި ވަނީ މި އަހަރު ދައްކަންޖެހޭ ރިކޯޑު އަދަދުގެ ދަރަންޏާއި، ޑޮލަރުގެ އިސްރާފު ބޮޑުވުމާއި، އާ އިންވެސްޓްމެންޓްތައް ނުލިބުމުގެ އިތުރުން ސަރުކާރަށް ލޯނު ހޯދުމުގެ ގާބިލުކަން ނެތުމުންނެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރި ނަމަވެސް، އޭގެންވެސް އެދެވޭ ނަތީޖާއެއް ނުނުކުމެ އަގު ދިޔައީ އިތުރަށް މައްޗަށެވެ.
ޑޮލަރުގެ އަގު ބޭންކު ރޭޓު ކަމަށްވާ 15.42 ރުފިޔާއަށް ތިރިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދަކަށްވީ ނަމަވެސް ސައީދު ވަނީ އެކަން ނުކުރެވިގެން އުޅެނީ ނިމިދިޔަ ސަރުކާރުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ކަޅު ބާޒާރުގައި އަގު އުފުލެމުން ދާއިރު ވެސް، ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ފަދަ ބޭފުޅުން ދަނީ ރާއްޖޭގައި ޑޮލަރު ތިޔާގިވެ، ބޭންކު ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭ ކަމަށް ވިދާޅުވަމުންނެވެ.
ސައޫދީއަށް ދިން ޑްރޯން ހަމަލާތަކެއް އެ ގައުމުން ދިފާއުކޮށްފި
ސިޔާސީ ބޭނުމަށްޓަކައި ލަވައެއް ބޭނުން ކުރުމުން ކޭޓީ ރުޅި އައިސްފި