ރާއްޖޭގައި މިހާރު ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިކަމުގެ މައްސަލަ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ބޭސް ވިއްކުމުގެ ނިޒާމުގައި ހުރި ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަމިއްލަ ފާމަސީތަކުން އާސަންދައިގެ ތެރެއިން 2000 ރުފިޔާގެ ބޮޑު ފައިދާއެއް ނަގަމުންދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން މިހާރު އެއްކޮށް ނިމުމަކަށް ގެނެސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އަމިއްލަ ފާމަސީތަކުން މަސައްކަތްކުރީ ގަސްތުގައި ރައްޔިތުން ހާލުގައި ޖެއްސުމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ސިއްހީ ނިޒާމުގެ ތެރެއިން އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ޔަގީންކަން ދެއްވީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާންނުޖެހޭ މިންވަރަށް ބޭހުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ. މިއީ އާސަންދައިގެ ނިޒާމު އިސްލާހުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއެކު ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
ސަލްމާންގެ އާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ
ސަރުކާރުން ހުރިހާ ޝަރުތުތައް ގަބޫލުކުރުމުން މުޒާހަރާ ނިންމާލައިފި
