އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައަށް ފަސް މަސް ފުރެން ކައިރިވެފައި ވަނިކޮށް، އާދީއްތަ ދުވަހުގެ ރޭ އެމެރިކާ އިން އީރާނަށް އެއްވެސް ވައިގެ ހަމަލާއެއް ދީފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް މެދުކަނޑާލީ އެމެރިކާގެ ހަތިޔާރުގެ ސްޓޮކް މަދުވަމުންދާތީ، ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް ހުރަސްތަކެއް ކުރިމަތިވުމުންނެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދީ ގައުމުތަކަށް އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް ދިންކަމުގެ ރިޕޯޓެއްވެސް މި ހަފްތާ ބަންދުގައި ލިބިފައެއް ނުވެއެވެ.

ޖެހިޖެހިގެން ދެ ހަފްތާ ވަންދެން ކޮންމެ ރެޔަކު އެމެރިކާ އިން ދެމުންދިޔަ ހަމަލާތަކަށްފަހު އައި މި ހިމޭންކަމާއެކު، އަލުން މަޝްވަރާތައް ފެށިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ. ނަމަވެސް، އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މެދުކަނޑާލުމަކީ އެމެރިކާގެ 'ޕެޓްރިއަޓް އިންޓަސެޕްޓާ' މިސައިލްތަކާއި ދިފާއީ އެހެނިހެން ހަތިޔާރުތައް ހުސްވަމުންދާތީ ކުރިމަތިވި މަޖުބޫރުކަމަކަށް ވެދާނެއެވެ.

ހޮރްމޫޒް ކަނޑޮއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އުފެދުނު މި ހަމަނުޖެހުންތަކުގެ ސަބަބުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދިޔަ ސިޔާސީ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ. އަދި ހަކަތަ ފޮނުވުމަށް ބޭނުންކުރާ މި މުހިންމު ސަރަހައްދުން ބޭރަށް ހަމަލާތައް ފެތުރި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ކަނޑުދަތުރުފަތުރަށާއި، ގަލްފުގެ ގައުމުތަކަށްވެސް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.

ޕެންޓަގަންގެ މަސްދަރަކާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަލާތައް ވަރުގަދަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވި ނަމަވެސް، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް މިވަގުތު އޮތީ މަޑުޖައްސާލާފަ އެވެ. ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ރޭވުންތައް ފަސްކޮށްފައިވަނީ ހަތިޔާރުގެ ސްޓޮކް މަދުވުމުގެ ސަބަބުން ކަމަށް ނިއުޔޯކް ޓައިމްސް އިންވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ފުޅާ ދާއިރާއެއްގެ ހަނގުރާމައެއް ފެށުމުގެ ބިރާއި، ގަލްފުގެ ގައުމުތަކާ އޮތް ގުޅުން ހީނަރުވުމާއި، ދުނިޔޭގެ އިގްތިސާދަށް އަތުވެދާނެ ލޮޅުންތަކަކީވެސް ޓްރަމްޕަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ނޫހުން ފާހަގަކުރެއެވެ.

ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި ޖެނެރަލް ޑޭން ކޭން ވަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޖެނެރަލް ކޭން ވިދާޅުވި ގޮތުގައި، އަސްކަރީ ގޮތުން ހުރި ފުރުސަތުތައް ބޭނުންކޮށްގެން ކާމިޔާބީ ހޯދުނު ނަމަވެސް، އޭގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަށް ސަމާލުވާން ޖެހެއެވެ.

ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ އަލުން ފުޅާ ދާއިރާއެއްގައި ހަމަލާތައް ދޭން ފަށާނެތޯ އަދި ނުނިންމަވާ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ އެފަރާތްތަކާ ވާހަކަ ދައްކަމުން. އަޅުގަނޑަށް ހީވަނީ އެމީހުން މިހާރު މިކަމާ މެދު ވަރަށް ސީރިއަސްވާހެން،" ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އީރާނަށް އޮތީ ދެ ގޮތެއް ކަމަށާއި، އެއީ އެއްބަސްވުމަކަށް އައުން ނުވަތަ މާ ވަރުގަދަ ފެންވަރެއްގެ ހަމަލާތަކާ ކުރިމަތިލުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހަތަރު ފަސް ހަފްތާއަށް ދެމިގެންދާނެ ކަމަށް ލަފާކުރި މި ހަނގުރާމައަށް ފަސް މަސް ވާން ކައިރިވެފައިވާއިރު، މިއީ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިހާބާ ދިމާކޮށް ޓްރަމްޕްގެ މަގުބޫލުކަމަށްވެސް އަސަރުކުރަމުންދާ ކަމެކެވެ.

މި ހަމަނުޖެހުންތައް މިހާރު ވަނީ އާ ސަރަހައްދުތަކަކަށް ފެތުރިފަ އެވެ. ޔަމަނުގެ ހޫތީން ވަނީ ސައުދީ އަރަބިއްޔާގެ އަރާމްކޯގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ. ރައްދުގައި ސައުދީންވެސް ވަނީ ހޫތީންގެ އަމާޒުތަކަށް ބޮން އަޅާފަ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ހޮރްމޫޒް ހުރަސްކުރަން އުޅުނު ހަތަރު އުޅަނދެއް ވަނީ ހުއްޓުވާފަ އެވެ. މި ކަނޑުއޮޅި ބަންދުކުރުމަކީ އެމެރިކާއާއި އީރާނާ ދެމެދު އޮތް އެންމެ ބޮޑު މައްސަލަ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، މަސްރަހު ގޯސްވުމުގެ ޒިންމާ އީރާނުން އުފުލަން ނުޖެހޭނެ ކަމަށާއި، މިކަމަށް އޮތީ އަސްކަރީ ހައްލެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ކެސްޕިއަން ކަނޑުގައި ދަތުރުކުރި އީރާނުގެ މުދާ އުފުލާ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދީފައިވާ ކަމަށް ބުނެ އީރާނުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. މި ހަމަލާގައި އެކަކު މަރުވެ، އިތުރު މީހަކު ވަނީ ޒަހަމްވެފަ އެވެ. މި މައްސަލާގައި އީރާނުން ވަނީ ޔޫކްރެއިންގެ ޑިޕްލޮމެޓަކު ހާޒިރުކޮށް އިހުތިޖާޖު ކޮށްފަ އެވެ.

އީރާނުން މި ތުހުމަތުތައް ކުރިއިރު، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ އިން ސެޓެލައިޓް މެދުވެރިކޮށް ހޯދާ މައުލޫމާތު އީރާނަށް ފޯރުކޮށްދެމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.