ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކުވެރިޔާ އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނިއްޖެ އެވެ.
މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން މަހްލޫފް ގެންދިޔައީ ތަކުރާރުކޮށް ބައްސާމަށް އެމްއެމްޕީއާރުސީ ފައިސާގެ ލިބުނުކަމުގެ ތުހުމަތު ކުރަމުންނެވެ. އަދި އެފްއޭއެމް ހިންގާ އިމާރާތަށް ކޮރަޕްޝަންގެ ފައިސާ ޖަމާކޮށް ބަހަމުން ދިޔަ ކަމަށް ވެސް މަހުލޫފް ވިދާޅުވެފަ އެވެ. ބައްސާމު އޭރު ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިިކަން ވަޑައިގެން މަހުލޫފަށް މިނިސްޓަރުކަން ލިބުމާއެކު ބައްސާމަށް އޮތް ރުޅިވެރިކަން ވަނީ އެކުވެރިކަމަށް ބަދަލުވެފަ އެވެ. އަދި ދެ މީހުން މިހާރު ވެސް ގެންދަނީ އެކަކު އަނެކަކުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ލިސްޓުގައި ބައްސާމުގެ ނަަން ވަނީ ހިމަނައިފަ އެވެ. އާއްމުކުރި އެ ރިޕޯޓުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް ބައްސާމަށް އަދި ދައުވާކުރަން ނުފޮނުވަ އެވެ. ރިޕޯޓުގައި އޮތީ ކޮރަޕްޝަނާ ގުޅިގެން ބައްސާމާ ސުވާލުކޮށް މައުލޫމާތު ސާފުކުރަމުންދާ ކަމަށެވެ. ލިސްޓުގައި ބައްސާމަށް ލިބުނީ ކިހާ ފައިސާއެއްކަން ހާމަކޮށްފައެއް ނެތެވެ.