ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ބޭފުޅުންގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެންނަމަވެސް އެކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ރައީސް އެޓާނީ ޖެނެރަލްއަށް އަންގަވާފަ އެވެ.
މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ސޯލިހު ވަނީ އެކަން މަޖިލީހުގެ މެންްބަރުންނާ ހިއްސާ ކުރައްވާފަ އެވެ.
ރައީސް އެފަދަ އެންގުމެއް އެންގެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. މަޖިލީހުގެ ރައީސް ނަޝީދަށް އަދިވެސް ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަނަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.