ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ މުދާ އުފުލާ ބޯޓުފަހަރަށް އީރާނުން އަލުން ހަމަލާދޭން ފެށުމާ ގުޅިގެން ކަމަށް ބުނެ، އެ ގައުމާ ގުޅުންހުރި އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން މިދިޔަ ހުކުރު ދުވަހު އަޅާފައިވާ ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ.
މި ފިޔަވަޅުތައް އަމާޒުކޮށްފައިވާ މީހުންގެ ތެރޭގައި ދުބާއީގައި ހަރަކާތްތެރިވާ އީރާނުގެ ބޭންކަރެއް އަދި ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަންސާރީ ހިމެނެ އެވެ. އޭނާއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހެއް ކަމަށް ބުނެ، މީގެ ކުރިން އިނގިރޭސިވިލާތުން ވެސް އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ މީހެކެވެ. މީގެ އިތުރުން އެހެން ބައެއް ފަރުދުންނާއި ކުންފުނިތަކަށް ވެސް މި ފިޔަވަޅުތައް ވަނީ އަމާޒުކޮށްފަ އެވެ.
އެމެރިކާގެ ޓްރެޜަރީން ބުނި ގޮތުގައި، އަންސާރީއަކީ އީރާނުގެ އާ ލީޑަރު މުޖްތަބާ ހާމަނާއީއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު އެއް ފަރާތެވެ. އޭނާ ވަނީ އާންމުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ގައުމުން ބޭރުގެ އެކި ގައުމުތަކުން އަގުބޮޑު ބިމާއި އިމާރާތްތަކާއި ވިޔަފާރިތައް ގަނެފައި ކަމަށް އެމެރިކާ އިން ބުނެ އެވެ. މިކަން ކުރަނީ އޭނާގެ އަމިއްލަ މަންފާއަށާއި، އީރާނުގެ އިސްވެރިންނާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް މުއްސަނދި ކުރުމަށް ކަމަށް ޓްރެޜަރީން ބުނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ 'އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް' އިން ވަނީ އީރާނުގެ ބައެއް މަނީ އެކްސްޗޭންޖްތަކަށް ވެސް ފިޔަވަޅު އަޅާފަ އެވެ. މި ތަންތަނަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ބޭންކުތަކަށް ބޭނުންވާ ބިލިއަނުން ޑޮލަރު، ސިއްރު ކުންފުނިތައް މެދުވެރިކޮށް އަހަރަކު އެތައް ފަހަރަކު ދައުރުކޮށްދޭ ތަންތަން ކަމަށް އެމެރިކާއިން ތުހުމަތުކުރެ އެވެ.
މި އާ ފިޔަވަޅުތައް އިއުލާންކޮށްފައި މިވަނީ، ގަލްފު ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފުތާގައި ގަތަރާއި ސައުދީ އަރަބިއްޔާގެ ތިން އާގުބޯޓަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދީފަ އެވެ.
މަރާލަން އުޅެފިނަމަ އީރާން މުޅިން ސުންނާފަތި ކޮށްލާނަން: ޓްރަމްޕް
މުއިއްޒު އިސްތިއުފާދެއްވުމަށް ޔާމީން ގޮވާލައްވައިފި
ޖޫން މަހު މީރާއިން 2.92 ބިލިއަން ރުފިޔާ ބަލައިގަނެފި