ކުއަލަލަމްޕޫރު (މެއި 10) - މެލޭޝިއާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ ކުރިއަށް އޮތް ތިން ހަފްތާއަށް އެ ގައުމުގެ ހުރިހާ ސަރަހައްދެއް ފުރަބަންދުކުރަން ނިންމައިފި އެވެ.

މި ގޮތުން 12 މެއި އިން ފެށިގެން ޖޫން ހަތްވަނަ ދުވަހާ ހަމައަށް މެލޭޝިއާގައި އާއްމުކޮށް ބޭރަށް ނުކުމެ އުޅުން މަނާކުރެވޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު މުޙްޔިއްދީން ޔާސީން އިއްޔެ ވިދާޅުވި އެވެ. އަދި ބޮޑެތި އެއްވުންތައް ވެސް މި އުސޫލުގެ ދަށުން ބޭއްވުން ހުއްދައެއް ނޫނެވެ.

މީގެ ތެރޭގައި ފިތުރު އީދުގެ މުނާސަބަތު ވެސް ހިމެނެ އެވެ. އީދު ފާހަގަ ކުރުމުގެ ގޮތުން ގާތް ތިމާގެ ގެތަކަށް ޒިޔާރަތްކުރުމާއި އާއްމު ތަންތަނަށް އެއްވެ އުޅުން މަނާވާނެ ކަމަށް މި އެންގުމުގައިވެ އެވެ. ނަމަވެސް 50 މީހުންނަށްވުރެ ގިނަ ނުވާނެހެން މިސްކިތްތަކުގައި އީދު ނަމާދު ކުރެވޭނެ އެވެ.

އޭގެ އިތުރުން ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތު ވެސް ކުރިއަށް ގެންދެވޭނީ މިގޮތުގެ މަތިން ކަމަށް އިއުލާން ކުރި އެވެ.

ފުރަބަންދު ކުރި ކަމުގައިވިޔަސް އިގްތިސާދީ ސިނާއަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް މުޙްޔިއްދީން ވިދާޅުވި އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުން ވެސް ގޭގައި ތިބެގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ މެލޭޝިއާގައި މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 4،000 އިން މަތީގަ އެވެ. މިއީ އެ ގައުމަށް ކުރިމަތިވި ކޮވިޑްގެ ތިންވަނަ ރާޅެވެ.