އުމުރުން 20 ގެ އަހަރުތަކުގައި އިސްތަށި ނުރަވުމާއި 30 ގެ އަހަރުތަކުގައި ކަންކަން ހަނދާން ނެތި ސިކުނޑިއަށް ބަރުވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
މިއީ އުމުރަށްވުރެ ކުރިން މުސްކުޅިވުމުގެ އަލާމާތެއް ކަމަށް ބައެއް މީހުންނަށް ހީވެ އެވެ. ނަމަވެސް ނާރުގެ ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއީ ކޮންމެހެން ހަށިގަނޑު އަވަހަށް މުސްކުޅިވާ ކަމުގެ ނިޝާނެއް ނޫނެވެ. މީގެ މައިގަނޑު ސަބަބަކީ ދާއިމީކޮށް ހުންނަ ސްޓްރެސް، ވިރާސީ (ޖެނެޓިކް) ކަންކަން، ކެއިންބުއިމުގެ އާދަތައް އަދި ދިރިއުޅުމުގެ ވައްޓަފާޅި އެވެ.
ނޯއިޑާގެ ފޯޓިސް ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް ޑރ. ނޭހާ ޕަންޑިތާ ވިދާޅުވާ ގޮތުގައި، ދާއިމީ ސްޓްރެސްގެ ސަބަބުން ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އަސަރުކުރެ އެވެ. ސްޓްރެސްގެ ސަބަބުން ނިދަން އުނދަގޫވުމާއި، ހަށިގަނޑު ދުޅަވުމާއި، އަދި ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރަ އެވެ. ސިކުނޑީގެ އުނގެނުމާއި ހަނދާންކުރުމާ ގުޅޭ ބައި ކަމަށްވާ "ހިޕޯކޭމްޕަސް"އަށް ސްޓްރެސްގެ ސަބަބުން ނޭދެވޭ އަސަރުކުރެ އެވެ.
ނަމަވެސް ޒުވާން އުމުރުގައި ކަންކަން ހަނދާން ނެތުމަކީ ސިކުނޑި މުސްކުޅިވުން ނޫން ކަމަށާއި، އެއީ ނިދި މަދުވުމާއި، އެއްފަހަރާ ގިނަ ކަންކަން ކުރަން ޖެހުމާއި، ސްޓްރެސްގެ ސަބަބުން ވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވެ އެވެ.
އަވަހަށް އިސްތަށި ނުރަވުމުގެ މައިގަނޑު ސަބަބަކީ ޖެނެޓިކްސް ނުވަތަ ވިރާސީ ކަންކަމެވެ. އެހެން ނަމަވެސް ސްޓްރެސްގެ ސަބަބުން އިސްތަށީގެ ކުލަ ގެނެސްދޭ ސެލްތަކަށް އަސަރުކޮށް، ނުރަވުން އަވަސްކުރުވަ އެވެ. މީގެ އިތުރުން ވިޓަމިން ބީ12، ދަގަނޑު އަދި ކޮޕާ ހަށިގަނޑުގައި މަދުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް އަވަހަށް ނުރަވާން މެދުވެރިވާ ސަބަބުތަކެވެ.
ޗެންނާއީގެ އެޕޯލޯ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ނިއުރޯފިޒީޝަން ޑރ. ސަތިޝް ކުމާރު ވެންކަޓަސާމީ ވިދާޅުވާ ގޮތުގައި އުމުރުން 30 ގެ އަހަރުތަކުގައި ހަނދާން ބަލިވުމަކީ ޑިމެންޝިއާގެ ސަބަބުން ވާކަމެއް ނޫނެވެ.
އޭގެ ބަދަލުގައި އެއީ "ބްރެއިން ފޮގް" ނުވަތަ ސިކުނޑި ސާފު ނުވުމެވެ. މިއީ ސްޓްރެސް، ހާސްވުން، ޑިޕްރެޝަން، ވިޓަމިން މަދުވުން ނުވަތަ ތައިރޮއިޑް މައްސަލަތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.
މިކަންކަމުން ސަލާމަތްވުމަށްޓަކައި ރަނގަޅު ދިރިއުޅުމުގެ އާދަތައް ގެންގުޅުން މުހިއްމެވެ. މީގެ ތެރޭގައި ރޭގަނޑު 7 ނުވަތަ 9 ގަޑިއިރުގެ ނިދި ހޯދުމާއި، ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުން ހިމެނެ އެވެ. އަދި މެދުކެނޑުމެއްނެތި ހަނދާން ބަލިވާނަމަ ނުވަތަ ވަރުބަލިވެ ބަރުދަނަށް ބަދަލު އަންނަނަމަ ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ.
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
ލޮލުގެ މައްސަލައެއްތަ؟ ނޫނީ ސިކުނޑިން ދޭ އިންޒާރެއްތަ؟
"އާވާރާޕަން 2"އާއެކު އިމްރާންގެ ޖާދޫ އަލުން ސިނަމާތަކަށް!