މެދުއިރުމަތީގެ ހަނގުރާމައާ ހެދި ރާއްޖޭގައި ތަކެތީގެ އަގުތައް ހަ ޕަސެންޓަށް އިތުރުވެ، ކާބޯތަކެތީގެ އަގު 10 ޕަސެންޓަށް އުފުލިދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.
ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި މުދަލާއި ހިދުމަތްތަކުގެ އަގުތައް އުފުލެމުންދިއުމުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އެވެ. ރާއްޖެއަކީ މުދާ އިމްޕޯޓްކުރުމަށް ބަރޯސާވާ ގައުމަކަށް ވުމުން، ދުނިޔޭގެ އިންފްލޭޝަނާ އެކު ރާއްޖޭގެ އަގުތައް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މި ބަދަލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފެންނާނީ އަތޮޅުތެރޭގެ ގޭބީސީތަކުންނެވެ. ނަމަވެސް ސަރުކާރުން ދެމުންދާ ސަބްސިޑީތަކުގެ ސަބަބުން އަގުތައް ކޮންޓްރޯލް ކުރަން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ވަނީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް، 4 ޕަސެންޓަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އިތުރުވެ، ފޮރިން އެކްސްޗޭންޖް މާކެޓަށް އޮންނަ ޕްރެޝަރު ބޮޑުވާނެ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހުވެސް ކާބޯތަކެއްޗާއި، މަހުގެ ބާވަތްތަކުގެ އިތުރުން ދުންފަތުގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް އުފުލިފަ އެވެ. ކާބޯތަކެތީގެ އަގު 10 ޕަސެންޓަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ސަބަބުން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް 1.6 ޕަސެންޓަށް އިތުރުވުމުގެ ނުރައްކާ އެބައޮތެވެ.
ހަމައެއާއެކު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް އައި ހީނަރުކަމާއެކު، ކުރީ އަހަރު 6.3 ޕަސެންޓްގައި ހުރި ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ނުވަތަ ޖީޑީޕީ މިއަހަރު 0.7 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް މިއަހަރު އިގްތިސޯދު ދަށްވި ނަމަވެސް، އަންނަ އަހަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން އަނެއްކާވެސް 6.7 ޕަސެންޓަށް މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި
އިސޫއާއި އިތުރު މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް