ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާކޮށްގެން ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 15،600 ވޭޕް ކާޓްރިޖް މާލޭގެ ކޮމާޝަލް ހާބަރުން ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
މިއީ ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން ނޮވެމްބަރު 15، 2024 ގައި ސަރުކާރުން މަނާކުރި ފަހުން، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި މީގެ އެންމެ ބޮޑު ޝިޕްމަންޓް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި ތަކެތި ފެނިފައިވަނީ ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން މާލޭގެ ވިޔަފާރި ބަނދަރުގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރޭގައި ޖުމުލަ 15،601 ވޭޕް ކާޓްރިޖް ފޮރުވާފައި ހުއްޓެވެ.
މި ޝިޕްމަންޓް ރާއްޖެއަށް އެތެރެކޮށްފައިވަނީ ހުސައިން ފަޔާޒް ކިޔާ މީހެއްގެ ނަމުގައި ކަމަށް ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ ފަސް ދުވަހުގެ ތެރޭގައި ކަސްޓަމްސް އިން ހިންގި ތިން އޮޕަރޭޝަނެއްގައި މިހާތަނަށް 22،309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފަ އެވެ. މީގެ ތެރޭގައި ބުދަ ދުވަހު އަތުލައިގަތް 5،600 ވޭޕް ކާޓްރިޖާއި، އާދީއްތަ އަދި ހޯމަ ދުވަހު ހިންގި އޮޕަރޭޝަންތަކުގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކުލެޓު ޕައުޑަރު ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހިމެނެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ރަސްމީކޮށް މަނާކޮށްފައިވަނީ ޑިސެމްބަރު 15، 2024 ގަ އެވެ. ހަމައެއާއެކު، ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ގާނޫނީގޮތުން ވަނީ ކަނޑައަޅާފަ އެވެ.
ޕީއެންސީ މެންބަރުންގެ ފޯނުތަކަށް ޖަވާބުދެއްވުމަށް އަންގައިފި
ﷲގެ މަގަށް ރުޖޫއަވެގެން މެނުވީ ސަލާމަތެއް ނެތް: ހުތުބާ
