މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި 2،700 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފި އެވެ.
މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގައި ސައިބާ ކްރައިމްގެ ނުރައްކާ އޮތް ބިރުވެރި މިންވަރެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިފަދަ ޓެކުމުގެ މުއާމަލާތްތަކަކީ ބޭރުގެ ހެކަރުންގެ މަސައްކަތް ކަމަށެވެ. ނަމަވެސް ހަގީގަތަކީ މި ސްކޭމްތަކުގެ 90 އިންސައްތައަކީ ސީދާ ދިވެހިރާއްޖޭގެ އެތެރޭގައި ތިބެގެން، ދިވެހިން ދިވެހިންނަށް އޮޅުވާލައިގެން ހިންގާ ޖަރީމާތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަނީ ސޯޝަލް މީޑިއާކަން ފާހަގަކުރައްވައި ނަވީދު ވިދާޅުވީ ހާއްސަކޮށް އާންމުން ވިޔަފާރިކުރަން ބޭނުންކުރާ ފޭސްބުކް މާކެޓްޕްލޭސްއަކީ މިފަދަ 95 އިންސައްތަ މައްސަލަ ހިންގުމަށް ކުށްވެރިންގެ "އެންމެ ބޮޑު ހާލި" ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އޮޅުވާލުމުގެ އުކުޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުށްވެރިން މިހާރު ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސައްހަ މީހުންނާ ވައްތަރު "ޑީޕް ފޭކް" ކޮންޓެންޓްތައް އުފައްދައިގެން ސްކޭމް ކުރަމުން ކަމަށް ނަވީދު ވިދާޅުވި އެވެ.
މީގެ އިތުރުން އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓޭ ސަރުކާރުގެ ހައުސިން ސްކީމްތަކާއި، ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކާ ގުޅުވައިގެން 'ޓްރެންޑް ބޭސްޑް' ސްކޭމްތައް ހިންގުން ވަނީ އާންމުވެފަ އެވެ. އެގޮތުން ވޯލްޑްކަޕާ ދިމާކޮށް ހިންގި ބައެއް ސްކޭމް އެކައުންޓުތައް ފުލުހުން މިހާރު ވަނީ ބަންދުކޮށް ތަހުގީގު ފަށާފަ އެވެ.
މިފަދަ މަޅިތަކުން އަމިއްލަ ނަފުސާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މީސްމީޑިއާއިން ދިމާވާ ކޮންމެ ފަރާތަކީ ތެދުވެރިއެއް ކަމަށް ގަބޫލުނުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އަދި އާދަޔާ ހިލާފަށް ބޮޑެތި ފައިދާތައް ހުށަހަޅާ ކަންކަމަށް ޝައްކުގެ ނަޒަރުން ބެލުމަށާއި، ގޫގުލް އިމޭޖް ރިވާސް ސާޗް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކައުންޓުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ލަފާދެ އެވެ.
"ސްޕައިޑަމޭންގެ އާ ސަފްހާއަކާއެކު ޓޮމް އެނބުރި އަތުވެއްޖެ
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް
ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުގެ ރައީސުން ސޮއިކުރައްވައިފި