ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ކަޕޫރު ހާންދާނުގެ އެންމެ ތުއްތު ތަރި، ރަހާ ކަޕޫރުގެ މުސްތަގުބަލާ މެދު ކުރެވޭ ސުވާލުތަކަށް އޭނާގެ މަންމަ އަދި މަޝްހޫރު ބަތަލާ އާލިއާ ބަޓް މިވަނީ ޝައުގުވެރި ޖަވާބެއް ދީފަ އެވެ.
ނިއު ދިއްލީގައި ބޭއްވުނު "އަމްރިތު ރަތުނާ 2026" ސަމިޓުގައި ވާހަކަ ދައްކަމުން އާލިއާ ހާމަކުރި ގޮތުގައި، އުމުރުން ތިން އަހަރުގެ ރާހާގެ ކިބައިން މިހާރުވެސް އާޓިސްޓެއްގެ ހުރިހާ ސިފައެއް ދަނީ ފެންނަމުންނެވެ.
އާލިއާ އަމިއްލަ ކުޑައިރުގެ ހަނދާންތައް އާކުރަމުން ބުނީ، އޭނާ ކުޑައިރު ގަޑިއިރުތަކެއް ވަންދެން ލޯގަނޑު ކުރިމަތީގައި އެކްޓް ކުރަން ހުންނަ ކަމަށެވެ. އެހެން ކަމުން ރަހާގެ ކިބައިންވެސް އެފަދަ ކަމެއް ފެނޭތޯ ސުވާލު ކުރެވުނެވެ.
"ލަވަޔަށް ނަށާ، ސްޓެޕްތައް އަވަހަށް ދަސްކުރޭ" ހިނިތުންވުމަކާއެކު އާލިއާ ބުނީ ރަހާއަކީ އަމިއްލަ ޒާތުގައި ވަރަށް "ފިލްމީ" ކުއްޖެއް ކަމަށެވެ.
"އަހަރެން ބުނާނީ ރަހާ އަކީ ސްޓޭޖަށް ހަމަ ހެދިފައި ހުރި ކުއްޖެކޭ. އޭނާ ވަރަށް ފިލްމީ. ލަވަތައް ވަރަށް ކަނުލާ އަޑުއަހާ، އަދި ނަށަން ބޭނުންވޭ. ވަރަށް އަވަހަށް ނެށުމުގެ ސްޓެޕްތައް ދަސްވެސް ކުރޭ،" އާލިއާ ފަހުރުވެރި ކަމާއެކު ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ރަހާ މިހާރު ދަނީ އެކި ކަންކަން ތަޖުރިބާ ކުރަމުންނެވެ. އާޓާއި ނެށުމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކަށްވެސް އޭނާގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
"އޭނާ ބޮޑުވަމުން، ކަންކަން ދަސްކުރަމުން އެދަނީ. އެކަމަކު އޭނާއަކީ އަމިއްލަ ގޮތެއް ހުންނަ، ވިސްނުންތެރި 'ލީޑަރެއް' ފަދަ ކުއްޖެއް،" އާލިއާ ބުންޏެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި އާލިއާ ބުނެފައިވަނީ ރާހާ ބޮޑުވެގެން މޮޅު އެތުލީޓަކަށް ވިޔަސް އޭނާ ވަރަށް އުފާވާނެ ކަމަށެވެ. ސަބަބަކީ ރަހާގެ ކިބައިގައި ހުންނަ ހަލުވިކަމާއި، މޮޅުވާން ބޭނުންވާ ރޫހުގެ ސަބަބުންނެވެ.
ރާހާ އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އާލިއާ އާއި ރަންބީރުގެ ފުރަތަމަ ދަރިފުޅެވެ. 2022 ގައި އުފަންވި ރަހާގެ މޫނު ފުރަތަމަ ފަހަރަށް މީޑިއާއަށް ދައްކާލީ 2023 ގެ ކްރިސްމަސް ދުވަހު އެވެ.
މި ހަބަރުތައް ފެންމަތިވެފައި މިވަނީ އާލިއާ އޭނާގެ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ ޔާޝް ރާޖް ފިލްމްސްގެ "އަލްފާ"ގެ ޕްރޮމޯޝަންތަކުގައި އުޅެނިކޮށެވެ. މިއީ އާލިއާ އާއި ޝަރުވަރީ ބާގް ލީޑް ރޯލުން ފެންނަ ވަރުގަދަ ސްޕައި އެކްޝަން ފިލްމެކެވެ.
މީގެ އިތުރުން: ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވާ"ގައި އާލިއާ ފެންނާނީ ފިރިމީހާ ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލްއާ އެކުގަ އެވެ.
ކަޕޫރު އާއިލާގެ ޖީންސް ހުރި ގޮތުން، ރަހާ ބޮޑުވެ ބޮލީވުޑްގެ ރާނީއަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
މުއިއްޒަކީ ބޭވަފާތެރިއެއް: ނަޝީދު
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް