ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖޭގައި މިއަދު އޮސްޓްރިއާ އަތުން 3-1 އިން ޖޯޑަން ބަލިވި ނަމަވެސް، ޖޯޑަންގެ ޓީމުން މެޗުގައި ދެއްކި ކުޅުމާމެދު ފަހަރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު ޖަމާލް ސެލާމީ ބުނެފި އެވެ.
ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުގައި އޮސްޓްރިއާ އިން ލީޑު ނެގީ 21 ވަނަ މިނިޓުގައި ރޮމާނޯ ޝްމިޑް ޖެހި ލަނޑުންނެވެ.
އެކަމަކު އޭގެ ފަސް މިނިޓު ފަހުން ޖޯޑަންގެ އަލީ އޮލްވާން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ 76 ވަނަ މިނިޓުގައި އޮސްޓްރިއާއަށް އަލުން ލީޑު ލިބުނީ ޖޯޑަންގެ ޔަޒާން އަލް އަރަބް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.
އަދި މެޗުގެ އޮސްޓްރިއާ އިން ތިން ޕޮއިންޓް ޔަގީންކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއް ތަޖުރިބާކާރު ފޯވަޑް މާކޯ އައުނާޓޮވިޗް ކާމިޔާބުކުރުމުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސެލާމީ ބުނީ މުޅި މެޗުގައި ޖޯޑަން އިން ދެއްކި ކުޅުމާއި ކުރި މަސައްކަތް މެޗުގެ ނަތީޖާއަކުން ނުފެންނަ ކަމަށެވެ. އެކަމަކު މި މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.
"އޮސްޓްރިއާގައި އެބަތިބި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކަށްވެސް ކުޅޭ ކުޅުންތެރިން. އެ ތަފާތު މިއަދު ފެނިގެންދިޔައީ،" ސެލާމީ ބުންޏެވެ.
ޖޯޑަންގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޔަޒާން އަލް ނައިމަތަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕްގައި ކުޅުނު ފުރުސަތު ވަނީ ގެއްލިފައެވެ.
ސެލާމީ ބުނީ ނައިމަތު ހުރި ނަމަ، މިއަދުގެ މެޗުގެ ނަތީޖާ ތަފާތުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިއީ 1990 ވަަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ މެޗަކުން އޮސްޓްރިއާ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1998 ވަނަ އަހަރުގެ ފަހުން އޮސްޓްރިއާ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރެއް
ވިޔަފާރިވެރިއެއްގެ އެހީގައި ހުޅުދޫގައި އެޅި މިސްކިތް ހުޅުވައިފި
"މޭ ވާޕަސް އާއުންގާ"އަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް!
