ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޕޮޓޭޓޯ ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑާ ޕެކެޓްތަކެއްގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މިތަކެތި އަތުލައިގެންފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިމަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ބުނީ މި އޮޕަރޭޝަނަކީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓްގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.
މި އޮޕަރޭޝަންގައި 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ.އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖު މިިދިޔަ އެޕްރީލް މަހު ވެސް ކަސްޓަމްސް އިން އަތުލައިގަތެވެ. ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާގެ އަދަދު 600 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން ކުރިން ބުނެފައިވެ އެވެ.
ރިއާނާއަށް އަމްބާނީ އާއިލާއިން ދިން ހަދިޔާގެ އަގު!
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
މަރަދޫފޭދޫގައި ހިންގާ ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރެއް