ވ. އަތޮޅުގައި ހިންގާ ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓުގައި އީއައިއޭ މަރުހަލާތައް ފުރިހަމަނުކޮށް ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ ސަބަބުން، އެ ރިސޯޓު ހިންގާ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނި ގޮތުގައި، ކުނާވަށި ރިސޯޓް ހިންގާ ޗައިނާގެ ސީޖޭއެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ސީޕްލޭން ޕްލެޓްފޯމް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމާ ބެހޭ ގަވާއިދާ ހިލާފަށެވެ. އެގޮތުން، ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫއުތައް ފެށުމުގެ ކުރިން އެ އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ކުންފުނިން މަސައްކަތް ފަށާފައިވަނީ ހުއްދަ ލިބުމުގެ ކުރިންނެވެ.
މި މައްސަލައާ ގުޅިގެން އީއާރުއޭ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ އެ ކުންފުނިން އީއައިއޭ ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށްވާތީ ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދަކީ 20،000 ރުފިޔާ އެވެ. އަދި މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް ސީޖޭއެލް އިންވެސްޓްމަންޓަށް ވަނީ އަންގާފަ އެވެ.
ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ކުންފުނިން ކުރިއަށް ގެންދާ އެހެނިހެން މަޝްރޫއުތަކާ ގުޅޭގޮތުން އީއާރުއޭ އިން ވަނީ ހާއްސަ އިރުޝާދުތަކެއް ދީފަ އެވެ. އެގޮތުން، އެ ކުންފުނިން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތްވެސް ފަށަންވާނީ އީއައިއޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަކުރުމަށްފަހު ކަމަށް އަންގައި، އެ އޮތޯރިޓީން ވަނީ ކުންފުންޏަށް ނަސޭހަތްތެރިވެފަ އެވެ.
ދިރާގުން 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފި
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަށް ދެ ނަމެއް ކިޔުނު ސަބަބު!
އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީގެ ޝަކީލް އައްޔަންކުރަނީ
