ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕޭނުގައި ހަރަކާތްތެރިވި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ ދެ މުވައްޒަފަކު، ހަރަދު ކުޑަކުރުމުގެ ނަމުގައި މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

މިއަދު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގައި ހަ އަހަރާއި ހަ މަސްދުވަހު މަސައްކަތްކުރި ސީނިއާ ސެކިއުރިޓީ އޮފިސަރު މުހައްމަދު އާރިފް އާއި ހަތަރު އަހަރާއި ހަތް މަސްދުވަހު މަސައްކަތްކުރި އެސިސްޓެންޓް މެނޭޖަރު އަހުމަދު ޝިރުހާނެވެ. ސޯބެއާ އާއިލީ ގުޅުން އޮންނަ އާރިފް ބުނީ އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ރޭގެވަގުތެއްގައި އެހެން މީހަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި މެމޯގައި ހަވާލާދީފައިވަނީ އޭޕްރިލް 18، 2026 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސާކިއުލާއަކަށެވެ. އީރާނުގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ އިގުތިސާދީ ދަތިތައް ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް އެ ސާކިއުލާގައި އަންގާފައިވީ ނަމަވެސް، އާރިފް ބުނީ އެއްވެސް އެސެސްމެންޓެއް ހެދުމެއް ނެތި ވަކިކުރީ ހަމައެކަނި ސޯބެގެ ކެމްޕޭނުގައި އުޅުނު މީހުން ކަމަށެވެ.

ސޯބެގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވި މަހުފޫޒު ހުސްނީ ވެސް ޖޫން 8 ވަނަ ދުވަހު ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރި މުވައްޒަފުންނަށް ވެސް ފިޔަވަޅު އަޅާފައިވެ އެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ، މުވައްޒަފުންނަށް ބޭއިންސާފުން އެޅި ފިޔަވަޅުތައް އުވާނުލައިފިނަމަ ސަރުކާރު ކުންފުނިތަކުގެ އޮފީސްތަކަށް ވަންނާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.