ވޯލްޑް ކަޕް 2026 ގެ ޓިކެޓް ގަންނަން އުޅުނު އެމެރިކާގެ މަންމައަކަށް ހައިރާން ކުރުވަނިވި އަދި ހިތާމަވެރި ހާލަތެއް ކުރިމަތި ވެއްޖެ އެވެ.
ދަރިފުޅަށް ވޯލްޑް ކަޕްގެ މެޗެއް ދައްކާލުމުގެ ފޮނި ހުވަފެނުގައި އުޅުނު އެ މަންމައަށް އޮޅިގެން ގަނެވުނީ މެޗު ބަލާނެ ޓިކެޓެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ގަނެވުނީ 8,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 123,000 ދިވެހި ރުފިޔާ) ގެ އަގުބޮޑު ޕާކިންގް ފާހެކެވެ!
މި ހާދިސާ ހިނގާފައިވަނީ ނިއު ޔޯކް-ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މެޗެއްގެ ޓިކެޓް ހޯދުމުގެ ތެރޭގަ އެވެ.
ޓިކެޓް ވިއްކާ ރަސްމީ ޕްލެޓްފޯމުން ޓިކެޓްތައް ހުސްވަމުންދާތީ، ދަރިފުޅަށްޓަކައި ޓިކެޓް ކޮޅެއް ކަށަވަރު ކުރުމަށްޓަކައި އޭނާ އުޅުނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ވެބްސައިޓުގައި ހުރި "ވީއައިޕީ ބަންޑަލް"ތަކާއި ޓިކެޓްތަކުގެ އަގުތައް ބަލަމުން ދަނިކޮށް، އޭނާގެ ލޮލުގައި އަޅައިގަތީ 8,000 ޑޮލަރުގެ ޕެކޭޖެކެވެ.
އޭނާ ހީކުރީ އެއީ ސްޓޭޑިއަމްގެ އެންމެ މޮޅު ސަރަހައްދުން (ވީއައިޕީ ސަރަހައްދުން) މެޗު ބަލާލުމުގެ އިތުރުން، ކާނާއާއި ބުއިންތައްވެސް ހިމެނޭހެން ލިބޭ ވަރަށް ހާއްސަ މެޗު ޓިކެޓްތަކެއް ކަމަށެވެ. އެހެންކަމުން، އިތުރަށް ތަފްސީލުތައް ކިޔައިނުލާ، ވަގުތުން ކްރެޑިޓް ކާޑުން ފައިސާ ދައްކައި އެ "ޓިކެޓް" ގަތީ އެވެ.
އިސާ ކެނޑި، އީމެއިލްއަށް ކޮންފަމޭޝަން ލިބުމާއެކު އޭނާގެ އުފާވެރިކަން ބޮޑު ހާސްކަމަކަށް ބަދަލުވި އެވެ. ރަނގަޅަށް ރިސިޕްޓް ބަލާލިއިރު، އޭނާއަށް ގަނެވިފައިވަނީ ސްޓޭޑިއަމްގެ ކައިރީގައި ހުންނަ "އެމެރިކަން ޑްރީމް މޯލް" ވީއައިޕީ ޒޯނުގައި ކާރު ޕާކު ކުރާނެ ފާހެކެވެ.
މި ފާހާއެކު އޭނާގެ ކާރު ސްޓޭޑިއަމް ކައިރީގައި ފަސޭހަ ކަމާއެކު ބޭއްވޭނެ އެވެ. ނަމަވެސް، ސްޓޭޑިއަމްގެ އެތެރެއަށް ވަދެ މެޗު ބަލާނެ އެއްވެސް ޓިކެޓެއް އެ ޕެކޭޖްގައި ހިމެނިފައެއް ނުވެ އެވެ.
"އަހަރެން މިއީ ފުޓްބޯޅަ މެޗުތަކަށް ގޮސްއުޅޭ މީހެއް ނޫން. އަވަސް އަރުވާލައިގެން އުޅުމުގެ ތެރޭގައި ސްކްރީނަށް ބަލާލާފައި އެއީ މެޗު ޓިކެޓް ކަމަށް ހީކުރެވުނީ. ކާރު ޕާކުކުރަން އެކަނި 8,000 ޑޮލަރު ހަރަދު ވިއިރު، އަދިވެސް އަހަރެމެން އަތުގައި މެޗަށް ވަންނާނެ ޓިކެޓެއް ނެތް!" އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގެ ރަސްމީ އުސޫލުތައް ބުނާގޮތުން، އޮޅިގެން ގަނެވޭ ޓިކެޓްތަކާއި ޕާސްތަކަށް ފައިސާ އަނބުރާ ދިނުމަކީ މަނާ ކަމެކެވެ. މިހާ ބޮޑު އަދަދެއްގެ ފައިސާ ގެއްލިދާނެތީ، މި އާއިލާއިން މިހާރު އަންނަނީ ޓިކެޓް ވިއްކި ކުންފުންޏާ ވާހަކަ ދައްކައިގެން މިއީ އޮޅުމަކުން ހިނގި ކަމެއްކަން ސާބިތުކޮށް، ފައިސާ ހޯދަން މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ވޯލްޑް ކަޕްގެ ޕާކިންގް އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުންނާއި، ޓިކެޓް ގަންނަ ވެބްސައިޓްތަކުގެ ފަރުމާ ހުންނަ ގޮތުން އާންމުންނަށް އޮޅުން އަރާާތީ އެކަމަށް ފާޑުކިޔަމުންނެވެ.
އެއާއެކު ކޮންމެ އެއްޗެއް ގަތްނަމަވެސް "ޕޭމަންޓް" ފިތަށް ފިތާލުމުގެ ކުރިން ދެތިން ފަހަރު ކިޔާލުމަށް އެންމެންނަށް މިވަނީ އިބުރަތެއް ލިބިފަ އެވެ.
ސޯބެ މަޖިލިސް މެންބަރު ކަމުގެ ހުވާ ކުރައްވައިފި
ކަޅުތެޔޮ އެޅިގެން ރަސްފަންނު މޫދު ބަންދުކޮށްފި
އެންމެ ކާމިޔާބު މިއުޒިކަލް ބައޮޕިކްގެ ޝަރަފު "މައިކަލް"އަށް!