ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި އެފަދަ ހަތިޔާރު ހޯދުމަށް ކުރާ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އީރާނުން އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި ހިމަނަފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ކަށަވަރުކޮށްދެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އަލަށް އެކުލަވާލާފައިވާ މި ޑްރާފްޓް އެއްބަސްވުމުގެ ދަށުން، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށާއި އެފަދަ ހަތިޔާރު ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.

މި އެއްބަސްވުމުގައި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ސޮއިކުރާނެ ކަމަށް ބެލެވޭއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ނުތަނަވަސްކަމަށް ނިމުމެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިވަގުތު މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން އަންނަނީ އެއްބަސްވުމުގެ އެންމެ ފަހުގެ ލިޔެކިޔުންތައް ފައިނަލް ކުރަމުންނެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވުމަށް ވިސްނަމުންދާއިރު، އީރާނުގެ އޮފިޝަލުން ވިދާޅުވަނީ ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ޑިޖިޓަލްކޮށް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި، ތައްޔާރުކުރުމާއި އަދި ހޯދުން މުޅިން މަނާވާނެއެވެ. މީގެ އިތުރުން، އީރާނުގެ އެތެރޭގައި މިހާރު ރައްކާކޮށްފައި ހުރި މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް 'ޑައިލޫޓް' ކޮށް ބާރު ދަށްކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. މި މަސައްކަތް ކުރިއަށްދާނެ ގޮތުގެ ފަންނީ ތަފްސީލުތަކާއި، އެކަން ބަލައި ކަށަވަރުކުރާނެ ގޮތްތަކާ މެދު ކުރިއަށް އޮތް 60 ދުވަސްތެރޭގައި ދެ ގައުމުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެއެވެ.

އީރާނުން ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން އީރާނަށް ބޮޑެތި އިގްތިސާދީ ލުއިތަކެއް ދޭނެއެވެ. މީގެ ތެރޭގައި އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މެދުކަނޑާލުމާއި، ބޭރުގެ އެކައުންޓުތަކުގައި ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލުން ހިމެނެއެވެ. އަދި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށްޓަކައި ހޮރްމުޒް ކަނޑުއޮޅި ބައިނަލްއަގްވާމީ ވިޔަފާރިތަކަށް ފުރިހަމައަށް ހުޅުވާލުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

މި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ދާއިމީކޮށް ނައްތާލުމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ މެދު އަދިވެސް ހިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އަދި އީރާނުގެ އެތެރޭގެ ބައެއް ޖަމާއަތްތަކުން ދަނީ މި އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް ނާޖާއިޒު ފައިދާތަކެއް ލިބި، އީރާނުގެ ދިފާއީ ބާރަށް ގެއްލުން ވާނެއެވެ.