މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯންގެ އަދަދު 51.7 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުތައް ކަމަށް މަރުކަޒީ ބޭންކްގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ނެރުނު އެންމެ ފަހުގެ މާލީ ރިޕޯޓުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ވިޔަފާރިތަކުންނާއި އަމިއްލަ ކުންފުނިތަކުން އިންވެސްޓްމަންޓްތައް އިންވެސްޓްކުރުމަށް ބޭންކުތަކަށް ބަރޯސާވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބު ކަމަށްވާ ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް ނުވަތަ އިމާރާތްކުރުމުގެ ދާއިރާ ފުޅާކުރުމަށް މާލީ އިދާރާތަކުން ބޮޑެތި އެޑްވާންސްތަކާއި ލޯނުތައް ދަނީ ދޫކުރަމުންނެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެކި ސިނާއަތްތަކަށް ފައިސާ ދޫކުރެވިފައިވާ މިންވަރަށް ބަލާއިރު:
- ފަތުރުވެރިކަމުގެ ސިނާއަތް: ޖުމްލަ 14.15 ބިލިއަން ރުފިޔާ (މިދިޔަ އަހަރާ އަޅާބަލާއިރު %13.5 އިތުރު)
- އިމާރާތްކުރުމުގެ ސިނާއަތް: ޖުމްލަ 10.01 ބިލިއަން ރުފިޔާ (މިދިޔަ އަހަރާ އަޅާބަލާއިރު %24.2 އިތުރު)
- ވިޔަފާރީގެ ދާއިރާ (ހޯލްސޭލް/ ރީޓެއިލް): ޖުމްލަ 5.57 ބިލިއަން ރުފިޔާ (މިދިޔަ އަހަރާ އަޅާބަލާއިރު %48.8 ގެ ބޮޑު ކުރިއެރުމެއް) މީގެ ތެރޭގައި ކެފޭ/ ރެސްޓޯރެންޓުތަކަށް ދޫކުރި 82.67 މިލިއަން ރުފިޔާ ހިމެނެ އެވެ.
- މަސްވެރިކަމާއި ދަނޑުވެރިކަން: މަސްވެރިކަމަށް 573.07 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ދަނޑުވެރިކަމަށް ދޫކުރީ 18.03 މިލިއަން ރުފިޔާ އެވެ. މި ދެ ސިނާއަތަށް ލޯނު ދޫކުރި މިންވަރު ވަނީ ކުރިއަށްވުރެ މަދުވެފަ އެވެ.
މި އަހަރު ބޭންކު ލޯނުތަކަށް އޮތް ޑިމާންޑް ބޮޑުވެފައިވަނީ ދުނިޔޭގެ ބާޒާރަށާއި މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ލޮޅުންތަކާ ދިމާކޮށެވެ. ފެބްރުވަރީ މަހުގެ ފަހުކޮޅުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ބައެއް ކަހަލަ އަސަރުތައް ވަނީ ކޮށްފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައް ވަނީ މަތިވެފަ އެވެ. ހާއްސަކޮށް ސިމެންތީގެ އަގު ބޮޑުވުމުން އިމާރާތްކުރާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން އާންމު ކާބޯތަކެތީގެ އަގުތަކަށްވެސް މި ބަދަލުތަކުގެ އަސަރު ވަނީ ކޮށްފަ އެވެ.
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
"މިއަދު ޕީޕީއެމް ފިކުރުގެ މީހުންނަށް ލައްކަ އިހުސާސް ކުރެވޭނެ"
އަމީތާބު އެންމެ ދުވަހަކުން 12 ފިލްމުގެ މަސައްކަތް ނިންމާލައިފި