ހޮލީވުޑްގައި "ޖޯސް"، "ޖުރަސިކް ޕާކް" އަދި "އީ.ޓީ." ފަދަ މާސްޓާޕީސްތައް އުފައްދައިގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގްގެ ކެރިއަރުގައި ފުރިހަމަނުވެ އޮތް އެންމެ ބޮޑު އެއް ހުވަފެނަކީ ޖޭމްސް ބޮންޑް (007) ފިލްމެއް ޑައިރެކްޓް ކުރުމެވެ.
ނަމަވެސް، އޭނާގެ ކެރިއަރުގެ ކުރީކޮޅު ބޮންޑް ފިލްމުތަކުގެ ޕްރޮޑިއުސަރުން އޭނާއަށް ނޫނެކޭ ބުނެ، ދެ ފަހަރެއްގެ މަތިން އިންކާރު ކޮށްފައިވާކަން އޭނާ މިވަނީ ހާމަކޮށްފަ އެވެ.
"ދަ ރެސްޓް އިޒް އެންޓަޓެއިންމަންޓް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން އުމުރުން 79 އަހަރުގެ ސްޕީލްބާގް ބުނީ ބޮންޑް ފިލްމެއް ހެދުމުގެ ފުރުސަތު އޭނާއަށް ދުވަހަކުވެސް ނުލިބުމަކީ މިހާރުވެސް ކުރާ ހިތާމައެއް ކަމަށެވެ. އަދި މިހާރު އެ ފްރެންޗައިޒްއިން އޭނާއަށް ހުށަހެޅުމެއް ދިނަސް އޭނާގެ ޖަވާބަކީ ކޮބައިކަންވެސް ސާފު ކޮށްދިނެވެ.
ސްޓީވަން ބުނިގޮތުގައި މިހާރު ބޮންޑް ފިލްމެއް ހަދަން އޭނާގެ ކިބައިން އެދުނަސް އޭނާގެ ޖަވާބަކަށް ވާނީ މިހާރު އެމީހުންނަށް އޭނާގެ އަގު ނުދެއްކޭނެ ކަމުގަ އެވެ.
އޭނާ އިތުރަށް ބުނީ 1962 ގެ "ޑރ. ނޯ" ފެނުނު ދުވަހުން ފެށިގެން އޭނާ ހުރީ ބޮންޑް ފިލްމެއް އުފައްދަން ބޭނުންވެފަ އެވެ. އެހެން ކަމުން، 1975 ވަނަ އަހަރު އޭނާގެ "ޖޯސް" ފިލްމު ބޮޑު ހިޓަކަށް ވުމާއެކު، އޭނާ އަމިއްލައަށް އިސް ނަގައިގެން ބޮންޑް ފިލްމުތަކުގެ އޭރުގެ ލެޖެންޑަރީ ޕްރޮޑިއުސަރ އަލްބާޓް "ކަބީ" ބްރޮކޮލީއަށް ގުޅިއެވެ.
"އަހަރެން ކަބީއަށް ގުޅާފައި ބުނިން ޑައިރެކްޓަރަކު ބޭނުން ވެއްޖެއްޔާ އަހަރެން މިހުރީ ތައްޔާރަށޭ. އެކަމަކު އޭނާ ވަގުތުން 'ނޫނެކޭ' ބުނެފައި އެ ވާހަކަ އެތަނުން ނިންމާލީ،" ސްޓީވަން ކިޔައިދިނެވެ.
ދެވަނަ ފަހަރަށް މި ފުރުސަތު ތަނަވަސްވީ 1977 ގެ "ކްލޯޒް އެންކައުންޓާސް އޮފް ދަ ތާރޑް ކައިންޑް" ނިކުމެ ބޮޑު ތަރުހީބެއް ލިބުނު ދުވަސްވަރެވެ. އެ ފިލްމުގައި ހިމެނޭ މަޝްހޫރު '5 މިއުޒިކް ނޯޓްސް' (ސިގްނަލް) 1979 ގެ ބޮންޑް ފިލްމު "މޫންރޭކާ"ގައި ބޭނުން ކުރުމުގެ ހުއްދައަށް އެދި ޕްރޮޑިއުސަރ ކަބީ، ސްޓީވަންއަށް ގުޅި އެވެ.
އޭރު ސްޓީވަން ކަބީއަށް ހުށައެޅުމެއް ހުށަހެޅި އެވެ.
"އަހަރެން ބުނިން ޑީލެއް ހަދަމާ ހިނގާށޭ. އަހަރެން އެ 5 ނޯޓްސް ބޭނުން ކުރުމުގެ ހުއްދަ ދީފާނަމޭ، ބަދަލުގައި އަހަރެން ލައްވައި ބޮންޑް ފިލްމެއް ޑައިރެކްޓް ކުރަން ދޭށޭ. އޭނާ އޭގެއަށްވެސް ބުނީ 'ނޫނެކޭ'. އެކަމަކުވެސް އަހަރެން އެ ހުއްދަ އޭނާއަށް ދިނިން،" ސްޓީވަން ހިނިތުންވުމަކާއެކު ހަނދާން ބުންޏެވެ.
ބްރޮކޮލީ އޭނާ ބޮންޑްގެ 'އާއިލާ' އަށް ނުވެއްދި ސަބަބެއް ދުވަހަކުވެސް ސާފުކޮށްނުދޭ ކަމަށް އޭނާ ބުންޏެވެ.
ބޮންޑް ފިލްމުތަކުން ލިބުނު ނާކާމިޔާބީގެ ވާހަކަ ސްޓީވަން އޭނާގެ ގާތް އެކުވެރިޔާ އަދި "ސްޓާ ވޯސް"ގެ އުފެއްދުންތެރިޔާ ޖޯޖް ލޫކަސް އަށް ކިޔައިދިނެވެ.
އެހިސާބުން ލޫކަސް "ބޮންޑަށްވުރެ މާ މޮޅު ހިޔާލެއް އަހަރެންގެ އަތުގައި އެބައޮތް" ކަމަށް ބުނެ ދުނިޔޭގެ ސިނަމާ ބަދަލުކޮށްލި "އިންޑިއާނާ ޖޯންސް" ފްރެންޗައިޒްގެ ހިޔާލު ހުށައެޅި އެވެ. މިގޮތުން ބޮންޑް ފިލްމެއް ނުލިބުމުގެ ސަބަބުން ހޮލީވުޑަށް ލިބުނީ އަގު ނުކުރެވޭފަދަ އެހެން ބޮޑު ސިނަމެޓިކް ކާމިޔާބީއެކެވެ.
މިހާރު ބޮންޑް ފްރެންޗައިޒްގެ މިލްކުވެރިކަން އެމެޒޯންއަށް ލިބިފައިވާއިރު، ކުރިއަށް އޮތް ބޮންޑް ފިލްމު ޑައިރެކްޓް ކުރުމަށް އަންނަނީ "ޑޫން"ގެ ޑައިރެކްޓަރު ޑެނިސް ވިލްނިއުވްއާއެކު މަޝްވަރާ ކުރަމުންނެވެ. އަދި ޑެނިއަލް ކްރެއިގަށްފަހު ދެން ބޮންޑްގެ ރޯލުން ފެންނާނެ އެކްޓަރެއް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ އަދިވެސް ޖަމައެއްނުކުރޭ
ނިއުކްލިއާ ހަތިޔާރު އުފެއްދުން މެދުކަނޑާލަން އީރާން އެއްބަސް
ޖަރުމަނު ވޯލްޑް ކަޕް ފެށި ހަތް ލަނޑާއެކު