މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ވެވޭ ފުރަތަމަ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ހޮނިހިރު ދުވަހު ބުނެފި އެވެ. ނަމަވެސް، މިހާ އަވަހަށް ސޮއިކުރާނެ ކަމަށް ބުނާ ބުނުމަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމުގެ އޮނިގަނޑަކަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި، އާދީއްތަ ދުވަހު އިލެކްޓްރޯނިކްކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމްއާބާދުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަންނަ ހަފުތާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު ވެވޭ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި، އެންމެނަށް ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީރާނުން އޮތީ އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޮނިހިރު ދުވަހުގެ ކުރީކޮޅު ވިދާޅުވީ، ސޮއިކުރާނެ ވަގުތާ މެދު ވަކި އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.
"ފަހުމުނާމާގައި ސޮއިކުރާނެ ސީދާ ތާރީހަކަށް އިންތިޒާރު ކުރަންޖެހޭ. އެކަމަކު އެއީ މާދަމާއެއް ނޫން،" ބަގާއީއާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ހިނގުމުގެ ފުރުސަތު އޮތް ނަމަވެސް، އަނެއް ފަރާތުގެ ފަސްޖެހުންތަކުގެ ސަބަބުން މިކަމާ މެދު ސަމާލުވާންޖެހޭ ކަމަށެވެ.
އެމެރިކާގެ އޮފިޝަލަކު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސޮއިކުރާނެ ވަގުތާ ބެހޭގޮތުން ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، މިއީ ވަރަށް ވަރުގަދަ އަދި ރަނގަޅު އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ.
މިއީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވުމަކާ ގާތްވި ފުރަތަމަ ފަހަރެއް ނޫނެވެ. ބޮޑުވަޒީރު ޝަރީފް 'އެކްސް' ގައި ވިދާޅުވީ، މީގެ ކުރިން ދުވަހަކު ވެސް ގާތް ނުވާ މިންވަރަށް މިހާރު ސުލްހައިގެ އެއްބަސްވުމާ ގާތްވެފައިވާ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، އީރާނާއި ލުބުނާނުން އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
އީރާނުގައި ކުރިއަށްދާ މުޒާހަރާތައް
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހުކުރު ދުވަހު ވިދާޅުވީ، އެއްބަސްވުމަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތް ނަމަވެސް، މި އެއްބަސްވުމުން ދޭހަވަނީ މި ހަނގުރާމައިން އީރާނު ކުރި ހޯދާފައިވާ ކަން ކަމަށެވެ. މި ވާހަކަތަކަށް ފަހު، ހޮރްމޫޒް ކަނޑުއޮޅިއާ ދިމާލަށް ދަތުރުކުރި އީރާނުގެ ޑްރޯންތަކެއް އެމެރިކާ ސިފައިން ވަނީ ވައްޓާލާފަ އެވެ.
އީރާނުގެ ބައެއް ސިޓީތަކުގައި މި އެއްބަސްވުމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ދަނީ "ދޫދޭ މީހުންނަށް މަރު" ފަދަ ޝިއާރުތައް ގޮވަމުންނެވެ. މިއީ ފޮރިން މިނިސްޓަރު އަރާގްޗީއަށް ނިސްބަތްކޮށް ގޮވާ ގޮވުންތަކެއް ކަމަށް ބެލެވެ އެވެ.
އެއްބަސްވުމުގެ މުހިންމު ނުކުތާތައް
މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އީރާނަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުން ހިމެނެ އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާ ކުރާނީ އޭގެ ފަހުންނެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އީރާނުގެ ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރު ދޫކޮށްލުމާއި، ތެޔޮ އެކްސްޕޯޓް ކުރުމަށް އޮތް ދަތިތައް ނައްތާލުން ހިމެނެ އެވެ. ބަދަލުގައި އީރާނުން ކަނޑުއޮޅި ހުޅުވާލަން ޖެހޭނެއެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މުޅިން ނައްތާލުމާ މެދު ދެ ފަރާތުގެ މެދުގައި އަދިވެސް ހިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.
އިޒްރޭލުގެ ބައިވެރިވުމެއް ނެތް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، މި އެއްބަސްވުމުގައި އިޒްރޭލުން ބައިވެރި ނުވާނެ ކަމަށެވެ.
ލުބުނާނުގައި އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތްތައް މަޑުޖައްސާލުމަށް ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާތީ، ނަތަންޔާހޫ އާއި ޓްރަމްޕާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ދަންވަރު ބަދިގެއަށް ވަނުމުގެ ކުރިން މިކަމަށް ވިސްނާލާ!
މިއީ ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު
"ޖޭމްސް ބޮންޑް"ގެ ރޭހަށް ޖޯޖް ކްލޫނީގެ ހޮވުމަކީ މިއީ!