ރޭގަނޑު ދަންވަރު ފިލްމެއް ބަލަން އިނދެގެން ނުވަތަ ނިދި ނައިސްގެން އުޅޭ ވަގު ތުތަކުގައި ކޮންމެވެސް އެއްޗެއް ކާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ އާދަ އެކެވެ.

ނަމަވެސް، ދާދި ފަހުން ހެދިފައިވާ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި، ރޭގަނޑު ލަސްވާފަހުން ނުވަތަ ދަންވަރު ކެއުމަކީ ހަމައެކަނި ބަރުދަން އިތުރުވާ ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހަޖަމުކުރާ ނިޒާމުގެ ދުޅަހެޔޮކަމާއި، ބަނޑުގައި އުޅޭ ފައިދާހުރި ޖަރާސީމު ނުވަތަ "ގަޓް ހެލްތު" އެއްކޮށް ހަލާކު ކޮށްލާ ކަމެކެވެ.

އިންސާނާގެ ހަށިގަނޑުގައި ގުދުރަތީ "ބަޔޮލޮޖިކަލް ގަޑިއެއް"ވެ އެވެ. މި ގަޑި ހަމައެކަނި ނިދުމާއި ހޭލުމަށް އެހީވަނީއެއް ނޫނެވެ. އެއީ ހަޖަމުކުރާ ނިޒާމުގެ މަސައްކަތްތައް ވެސް ކޮންޓްރޯލްކުރާ ގަޑި އެވެ.

ބަނޑުގެ ޖަރާސީމުތަކަށް އަންނަ ބަދަލު

އަޅުގަނޑުމެންގެ ގަޓް ނުވަތަ ބަނޑުގެ ތެރޭގައި މިލިއަނުން ފައިދާހުރި ޖަރާސީމު ދިރިއުޅެ އެވެ. މި ޖަރާސީމުތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި، މޫޑު ރަނގަޅު ކުރުމަށާއި، ކާނާ ހަޖަމު ކުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި، މި ޖަރާސީމުތަކަކީވެސް ރޭގަނޑު ވަގުތު އަރާމު ކުރަން ބޭނުންވާ އެއްޗެކެވެ. ނަމަވެސް ދަންވަރު ކެއުމުން

  • ފައިދާހުރި ޖަރާސީމު މަދުވުން: ބަނޑަށް ބޭނުންވާ މުހިއްމު ޖަރާސީމުތަކުގެ ނިސްބަތް ދަށަށްދެ އެވެ.
  • ބަނޑު ފުރުމާއި ގޭސްވުން: ރޭގަނޑު ހަޖަމުކުރާ އެންޒައިމްތައް އުފައްދާ މިންވަރު މަދު ވުމުން، ކާނާ ރަނގަޅަށް ހަޖަމުނުވެ ބަނޑު ފޮޅުމާއި އެސިޑް ރިފްލަކްސް މެދުވެރިވެ އެވެ.
  • އިންފްލެމޭޝަން އިތުރުވުން: ބަނޑުގެ އެތެރޭގެ ދުލިފަށްތަކުގައި ދުޅަހެޔޮ ނޫން ޖަރާސީމު ގިނަވެ، ހަށިގަނޑުގައި އިންފްލެމޭޝަން ނުވަތަ ދުޅަވުން އުފެދެ އެވެ.

ދިގުމުއްދަތުގެ ސިއްހީ ނުރައްކާތައް

ބަނޑުގެ ދުޅަހެޔޮކަން ގެއްލުމަކީ ހަމައެކަނި ބަނޑަށް ތަދު ވުމެއް ނޫނެވެ. މާހިރުން ފާހަގަކުރާ ގޮތުގައި ގަޓް ހެލްތު ހަލާކު ވުމުން މުޅި ހަށިގަނޑުގެ މެޓަބޮލިޒަމްއަށް ބަދަލުވެ ތިރީގައިވާ ބަލިތަކަށް މަގުފަހިވެ އެވެ.

  • ހަކުރު ބަލި: ރޭގަނޑު ލަހުން ކެއުމުން ހަށިގަނޑުގެ އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވެ، ލޭގައި ހަކުރު ގިނަވެ އެވެ.
  • ލޭގެ ޕްރެޝަރު މަތިވުން: ބަނޑުގެ ޖަރާސީމުތަކަށް އަންނަ ބަދަލުގެ ސަބަބުން ލޭ ހޮޅިތަކަށް ބާރު ބޮޑުވެ އެވެ.
  • ނަފްސާނީ ބަލިތައް: ބަނޑާއި ސިކުނޑިއާ ސީދާ ނާރުތަކުން ގުޅިފައިވުމުން ބަނޑުގެ ސިއްހަތު ގޯސްވުމަކީ ހާސްކަމާއި މާޔޫސްކަން އިތުރުވާ ކަމެކެވެ.

ސިއްހީ މާހިރުން ލަފާދެނީ ނިދުމުގެ މަދުވެގެން ދެ ނުވަތަ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލުމަށެވެ. މީގެ ސަބަބުން ހަށިގަނޑަށާއި ބަނޑުގެ ޖަރާސީމުތަކަށް އަރާމުކޮށް، އަމިއްލައަށް މަރާމާތުވު މުގެ ފުރުސަތު ލިބެ އެވެ.

ބަނޑުގެ ސިއްހަތު ސަލާމަތްކުރާނީ ކިހިނެއް؟

  • ރޭގަނޑުގެ ކެއުން އަވަސް ކުރުން: އިރުއޮއްސި 7 ޖަހާއިރު ނުވަތަ 8 ޖަހާއިރު ކެއުން ނިންމާލެވޭތޯ ބަލާށެވެ.
  • ފެން ބުއިން: ދަންވަރު ބަނޑުހައިވާހެން ހީވާނަމަ، ގިނަ ފަހަރަށް އެއީ ފެން ބޮވައިގަތުމެވެ. އެހެންކަމުން ބަރު އެއްޗެއް ކެއުމުގެ ބަދަލުގައި ތާފަނާ ފެންފޮދެއް ބޯލާށެވެ.
  • ބަނޑަށް ފައިދާހުރި ކާނާ ކެއުން: ދުވާލުގެ ވަގުތުތަކުގައި ފައިބަރު ގިނަ ކާނާ (މޭވާއާއި ތަރުކާރީ) އަދި ޔޯގަޓް ފަދަ ޕްރޯބަޔޮޓިކްސް ބޭނުންކުރުން އިތުރު ކުރާށެވެ.

އަޅުގަނޑުމެން ކާންވީ ހަމައެކަނި ކާހިތް ވުމުންނެއް ނޫނެވެ. އަޅުގަނޑުމެން ކާންޖެހޭނީ ހަށިގަނޑުގެ އެތެރޭގައިވާ ނިޒާމުތަކަށް އެންމެ ފައިދާހުރި ވަގުތުތަކުގަ އެވެ.

ދަންވަރު ކެއުމުގެ ކުޑަ ހިތްހަމަ ޖެހުމަކީ ބަނޑުގެ ދުޅަހެޔޮ ކަމަށް ދެވޭ ބޮޑު އަނިޔާއެކެވެ. ދުޅަހެޔޮ ދިރިއުޅުމެއް ބޭނުންނަމަ، ރޭގަނޑު ލަސްވުމުން ބަދިގެއާ ދުރުހެލިވާން ޖެހެ އެވެ.