ތައިލެންޑުގެ އަމީރާ، ގިނަ އަހަރުތަކެއްވަންދެން ކޯމާއެއްގައި އޮންނެވުމަށްފަހު އުމުރުފުޅުން 47 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ޝާހީ ގަނޑުވަރުން ހާމަކޮށްފި އެވެ.

ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ އެންމެ ދޮށީ ދަރިކަނބަލުން، އަމީރާ ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހު ކޯމާއެއްގައި އޮންނެވުމަށްފަހު ކަމަށް ޝާހީ ގަނޑުވަރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވެއެވެ.

އަމީރާ އެންމެ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ތައިލެންޑުގެ އިރުއުތުރު ޕްރޮވިންސެއް ކަމަށްވާ ނަކޮން ރަޓްޗަސީމާއަށް ކުރެއްވި ޒިޔާރަތެއްގައި، ހިތްޕުޅުގެ މައްސަލައެއް ދިމާވެ ކުއްލިއަކަށް ހޭފުޅުނެތުމާ ގުޅިގެންނެވެ. އެއަށްފަހު، އިތުރު ފަރުވާއަށްޓަކައި ހެލިކޮޕްޓަރުގައި އެކަމަނާ ވަނީ ވެރިރަށް ބެންކޮކަށް ގެންދެވިފަ އެވެ.

ގަނޑުވަރުގެ ބަޔާނުގައިވާ ގޮތުން، އަމީރާ އަވަހާރަވީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތުގަ އެވެ. އެކަމަނާގެ ހާލުކޮޅު ގޯސްވީ ބަނޑުގެ އިންފެކްޝަނަކާއި، ގޮހޮރު ދުޅަވުމާއި، ލޭގެ ޕްރެޝަރު ދަށްވުމާއި، ހިތުގެ ވިންދު އަވަސްވުމުގެ އިތުރުން ލޭ ގަނޑުވުމުގެ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުންނެވެ.

"ޕްރިންސަސް ޕާ" ގެ ނަމުން އާންމުންގެ މެދުގައި މަޝްހޫރުވެފައިވާ އަމީރާ ބަޖްރަކިތިޔާބާ އުފަންވެވަޑައިގަތީ 7 ޑިސެމްބަރު 1978 ގައެވެ. އެކަމަނާއަކީ އޭރުގެ ވަލީއަހުދު ވަޖިރަލޮންގްކޯން އަދި އެމަނިކުފާނުގެ ފުރަތަމަ އަނބިކަނބަލުން އަމީރާ ސޯމްސަވަލީގެ ބޭފުޅެކެވެ.

ތައިލެންޑުގެ އިޖުތިމާއީ ކަންކަމުގައި އަދާކުރެއްވި މުހިންމު ދައުރާއި، އަންހެން ކުށްވެރިންގެ ދިރިއުޅުން ރަނގަޅުކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އިތުރުން، ހާރިޖީ ދާއިރާގައި ކުރެއްވި ހިދުމަތްތަކުގެ ސަބަބުން އެކަމަނާ ފާހަހަގުވެގެންދާނެއެވެ.

އަމީރާއަކީ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ބޭފުޅުންގެ ތެރެއިން ރަސްމީ ލަގަބުތައް އޮންނަ އަދި ގާނޫނުއަސާސީގެ ދަށުން ތަހުތަށް ވަޑައިގަތުމުގެ ޝަރުތު ހަމަވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތައިލެންޑުގެ ރާނީގެ މަންމާފުޅު (ކުއީން މަދަރ) ވެސް ވަނީ އުމުރުފުޅުން 93 އަހަރުގައި އަވަހާރަވެފަ އެވެ.

ޝާހީ ގަނޑުވަރުން އަމީރާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާއިރު، ސަރުކާރުން ގައުމީ ހިތާމައިގެ ދުވަސްތަކެއް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ.