ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް ހުށަހަޅާފައިވާ އަބުރުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، އޭނާއާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއް ޑްރާފްޓަށް ބަދަލުކުރުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ އަދި ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަޒާން މި ދައުވާ އުފުލާފައިވަނީ ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށެވެ. މި މައްސަލައިގެ އަސްލަކީ މިދިޔަ އޭޕްރީލް މަހު ދައުރު ނޫހުގައި "އަދަދަށް ފުލުހުން ވަނުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުންވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، އެ ލިޔުން ނެގުމަށް ނުވަތަ އިސްލާހުކުރުމަށް ކޯޓު މެދުވެރިކޮށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އަބުރުގެ ބަދަލުގެ ގޮތުގައި 5،000 ރުފިޔާ، އަދި ޤާނޫނީ ވަކީލުގެ ފީއާއި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހަރަދުގެ ގޮތުގައި 28،670 ރުފިޔާ ނަގައިދިނުމަށް އަޒާން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ކޯޓުން އެންމެ ފަހުގެ ހުކުމެއް އިއްވަންދެން އެ ލިޔުން އާންމުންނަށް ނުފެންނާނެހެން "ޕަބްލިޝްޑް" ސްޓޭޓަސްއިން "ޑްރާފްޓް" އަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށްވެސް އޭނާ އެދިވަޑައިގެންފައިވެއެވެ. މި އަމުރު ނެރެދެއްވަމުން ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ވިދާޅުވީ، އެކަން އެގޮތަށް ނުކޮށްފިނަމަ އަޒާންގެ އަބުރަށް އިތުރު އުނިކަމެއް އަތުވެދާނެކަމަށް ގަބޫލުކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށެވެ. އަދި އަމިއްލަ އަބުރު ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއްކަން ގާޒީ ފާހަގަކުރެއްވި އެވެ.
އެ ރިޕޯޓު ޑްރާފްޓަށް ބަދަލުކުރުމަކީ އެ ލިޔުން އެއްކޮށް ފޮހެލުން ނޫން ކަމަށާއި، އޭގެ ބޭނުމަކީ ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން އާންމުންނަށް ނުފެންނާނެހެން ބޭއްވުން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ނޫހުގެ އެޑިޓަރު މޫސާ ލަތީފަށް ލިބޭނެ ގެއްލުމެއް ނެތްކަމަށްވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
މޫސާ ލަތީފް ލިޔުއްވި މި ރިޕޯޓުގައި އަލިއަޅުވާލާފައިވަނީ، އޭޕްރީލް މަހު އަދަދު ނޫހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާއި، ރައީސް އޮފީހުން ނޫސްވެރިއަކު ނެރެލި ހާދިސާގެ މައްޗަށެވެ. އަދި އަޒާން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު އޭނާ ކުރިމަތިކުރުވި ސުވާލުތަކާމެދު ކުރީގެ ސަރުކާރުން އަމަލުކުރި ގޮތާ ގުޅޭގޮތުންވެސް އެ ރިޕޯޓުގައި ތަހުލީލުކޮށްފައިވެއެވެ.
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
ޝަމްއާންގެ މައްސަލާގައި ކަން ހިނގިގޮތް ސާފުކޮށްދޭން އަންގައިފި
އެނާޖީ ބުއިންތަކުން ނިދި އަންނަނީ ކީއްވެ؟
