އިންސާނާ މުސްކުޅިވުން ހުއްޓުވައި، ހަށިގަނޑުގެ ސެލްތައް އަލުން ޒުވާން ހާލަތަކަށް ބަދަލު ކޮށްދޭނެ ކަމަށް ބުނާ ޖީން ތެރަޕީ ބޭހެއް ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ގަޔަށް ޖަހައި، އޭގެ ކްލިނިކަލް ޓްރަޔަލްތައް ރަސްމީކޮށް ފަށައިފި އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހުއްދަޔާއެކު މި ތާރީހީ ތަހުލީލު ފަށާފައިވަނީ ބޮސްޓަންއަށް ނިސްބަތްވާ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ "ލައިފް ބަޔޯސައިންސަސް" އިންނެވެ. މި ކުންފުންޏަކީ ހާވާޑް މެޑިކަލް ސްކޫލްގެ މަޝްހޫރު ޖެނެޓިސިސްޓް ޑރ. ޑޭވިޑް ސިންކްލެއާ ހިއްސާ ވެގެން އުފައްދާފައިވާ ކުންފުންޏެކެވެ.

މި ބޭސް މަސައްކަތްކުރަނީ ކިހިނެއް؟

"ER-100" ގެ ނަމުން ނަން ދެވިފައިވާ މި ބޭހަކީ އާދައިގެ އެންޓި-އޭޖިންގް ކްރީމެއް ނުވަތަ ގުޅާ ބޭހެއް ނޫނެވެ. މިއީ ސެލްތަކުގެ އުމުރު ފަހަތަށް ޖައްސާލުމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ އިންޖެކްޝަނެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އިންސާނާ މުސްކުޅިވަނީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ދާއިމީ ގެއްލުމެއްގެ ސަބަބުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ސެލްތަކުގެ ތެރޭގައި ހުންނަ ޖެނެޓިކް މައުލޫމާތުތައް ނުވަތަ "އެޕިޖެނެޓިކް ކޯޑް" ބަދަލުވުމުން ދިމާވާ ކަމެކެވެ.

މި ބޭހުގެ އެހީގައި، ނޮބެލް އިނާމު ހާސިލުކޮށްފައިވާ ސައިންޓިފިކް ހޯދުމެއްގެ މައްޗަށް ބިނާކޮށް، ސެލްތަކުގެ އެ ކޯޑް އަލުން "ރީސެޓް" ކޮށްލައި، މާ ކުރީގެ ޒުވާން ހާލަތަކަށް ސެލްތައް ބަދަލު ކޮށްދެ އެވެ.

ފުރަތަމަ ފަރުވާ ދެނީ ލޮލުގެ ބައްޔަކަށް

މި ބޭސް އެންމެ ފުރަތަމަ ޓެސްޓު ކުރަމުންދަނީ އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް އަސަރުކުރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޯމާ" ޖެހިފައިވާ ބަލި މީހުންނަށެވެ.

ގްލޮކޯމާ ބަލީގައި ލޮލާއި ސިކުނޑި ގުޅުވައިދޭ ނާރުގެ ސެލްތައް މަރުވެ، ފެނުން އެއްކޮށް ގެއްލިގެންދެ އެވެ. ސައިންސްވެރިން މި ބޭސް އިންޖެކްޓް ކުރަނީ ސީދާ ލޮލުގެ އެ ނާރު ތަކަށެވެ. މަގްސަދަކީ މަރުވަމުންދާ ސެލްތައް އަލުން ދިރުވައި، ޒުވާންކޮށް، ލޮލުގެ ފެނުން އަނބުރާ ހޯދައިދިނުމެވެ.

ފުރަތަމަ ޓެސްޓުތަކަށް ލޯ އިހުތިޔާރުކުރީ ލޮލަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކާ ވަކިން ހުންނަ ތަނަކަށް ވުމުން، ބޭހުގެ އެއްވެސް ނޭދެވޭ އަސަރެއް ހަށިގަނޑުގެ އެހެން ބަޔަކަށް ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަވާނެތީ ކަމަށްވެ އެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން "ސްވިޗެއް"މީގެ ކުރިން މީދާ ބޭނުން ކޮށްގެން ކުރި ބައެއް ދިރާސާތަކުގައި ސެލްތައް މާ ބޮޑަށް ޒުވާންކުރަން އުޅުމުން ކެންސަރު ސެލްތަކަށް ބަދަލު ވުމުގެ ނުރައްކާ ކުރިމަތިވި އެވެ.

އެހެންކަމުން، މި ބޭހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިން ވަނީ ބޭހުގެ ތެރޭގައި "ސޭފްޓީ ސްވިޗެއް" ހިމަނާފަ އެވެ.

މި ބޭސް ހަށިގަނޑުގައި މަސައްކަތް ކުރާނީ، ބަލިމީހާ އެއާ އެކު "ޑޮކްސީސައިކްލިން" ކިޔާ އެންޓިބަޔޮޓިކް ބޭހެއް ކެއުމުންނެވެ. އެ އެންޓިބަޔޮޓިކް ކެއުން ހުއްޓާލުމާއެކު، އިންޖެކްޝަންގެ ބާރު ހަށިގަނޑުގައި އެއްކޮށް ކެނޑިގެންދާނެ އެވެ.

މިއީ އަދި ފެށުމެއް!

މި ތަހުލީލު ކާމިޔާބު ވެއްޖެނަމަ މިއީ އިންސާނާގެ އުމުރު ދިގުކުރުމާއި، މުސްކުޅިވުމުން ދިމާވާ ބަލިތަކަށް ފަރުވާ ހޯދުމުގައި ސައިންސްގެ ތާރީހުގައިވެސް ހޯދޭނެ އެންމެ ބޮޑު ކުރިއެރުމަށް ވާނެ އެވެ.

ލައިފް ބަޔޯސައިންސަސްގެ އަމާޒަކީ ލޮލުގެ އިތުރުން، ހަށިގަނޑުގެ އެހެން ގުނަވަންތައް ކަމަށްވާ ފުރަމޭ އަދި ސިކުނޑީގެ ސެލްތައްވެސް މިގޮތަށް އަލުން ޒުވާން ކުރުމެވެ.

ނަމަވެސް، މިއީ އަދި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކަށް ވާތީ، މުސްކުޅިވުން ހުއްޓުވައިދޭ ބޭސްގުޅައެއް ބާޒާރުން ގަންނަން ލިބެން އަދި ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.